ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު، އަދި ނައިބަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ހަމަޖައްސައި ބަޖެޓުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނައިބަށް މި ދެ މެންބަރުން ޖެހިޖެހިގެން ހަމަޖެއްސި ހަތަރުވަނަ އަހަރެވެ.

މިއަދުގެ ބައްދަލުވުމުގައި ނާޝިޒް ވިދާޅުވީ، ބަޖެޓު ދިރާސާކުރާ ކޮމިޓީ އަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްއްމްއޭ އާއި އޮޑިޓާ ޖެނެރަލްގެ ލަފަޔަކަށް އެދި ފޮނުވުނީ ސަޕްލިމެންޓްރީ ބަޖެޓު ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ބަޖެޓު ދިރާސާކުރުމަށް މާ ގިނަ ވަގުތެއް ނެތް ކަމަށާއި، އެހެންކަމުން ބަޖެޓަށް ކަންކަން ލިޔުމުން ހުށަހެޅުމަށް މުއައްސަސާތަކަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނާޝިޒް ވިދާޅުވި ގޮތުގައި، ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނީ އާ ސަރުކާރަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ބަޔާން ހުށަހަޅާފައި މި ވަނީ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައި މުއްދަތު ފަހަނަހަޅައި ދިޔަ ފަހުންނެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި މަސް ނިމުމުގެ ކުރިން ދައުލަތުގެ ބަޖެޓު ފާސްކުރަން ޖެހޭނެއެވެ.