ރައްޔިތުންގެ މަޖިލީހަށް އާ ރައީސް ރޭ އިންތިހާބުކުރުމަށް ފަހު އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ބަޖެޓު ހުށަހެޅުން ތާވަލުކޮށްފިއެވެ.

އިއްޔެ ހަވީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، ރޭ މަޖިލީހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކުރީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ އޭނާ އާ ވާދަކުރެއްވި ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް 30 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އަސްލަމަށް 53 ވޯޓު ލިބުނުއިރު އާޒިމަށް ލިބުނީ 23 ވޯޓެވެ.

މަޖިލީހުގެ އާ ރައީސް އިންތިހާބުކުރުމަށް ބޭއްވި ޖަލްސާ އަށް ފަހު މަޖިލީހުން އާންމުކުރި އެޖެންޑާގައިވާ ގޮތުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު ވަނީ ތާވަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓު އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ތަޅުމަށް ހުށަހަޅަންވާނެއެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ކުރިން ބަޖެޓު ފާސްކުރަންވާނެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ މަހުގެ 30 ގައި އޮތް ޖަލްސާއަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އޮއްވައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އޭރު ލަފާދެއްވުމުން، ފިނޭންސް މިނިސްޓަރު އަމީރު ނިންމެވީ އެ ދުވަހު ޖަލްސާ އަށް ހާޒިރުވެވަޑައިނުގަތުމަށެވެ.

އޭގެ ފަހުން، ބަޖެޓުގެ މަސައްކަތްތައް ތާވަލުކުރުމަށް އެދިވަޑައިގެން މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު އަމީންއާންމު ފާތިމަތު ނިއުޝާ އަށް ސިޓީ ފޮނުއްވުމުން، އެ މަސައްކަތްތައް އެޖެންޑާކޮށް އިއްޔެ ހެނދުނު 9 ޖަހާއިރަށް ޖަލްސާ އެއް ތާވަލުކުރިއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އަމީރަށް ވަޑައިގެންނެވެން ނެތުމާއި ޖަލްސާގެ ކޯރަމް ހަމަނުވުމުން އެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.