ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ދާދި ދެންމެއަކު އިންތިހާބު ކޮށްފިއެވެ.

19 ވަނަ މަޖިލީހުގެ ދެވަނަ ރައީސް ކަމަށް މަޖިލީހުގެ ވެސް މެޖޯރިޓީ ލީޑަރު އަސްލަމް އިންތިހާބުވެވަޑައިގަތީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ވާދަކުރައްވައި، 30 ވޯޓުގެ ތަފާތަކުންނެވެ.އެގޮތުން އަސްލަމަށް 53 ވޯޓު ލިބިވަޑައިގަތް އިރު، އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.މަޖިލީހުގެ ރައީސްކަމަށް އަސްލަމް އިންތިހާބުކުރެއްވީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނަޝީދު އިސްތިއުފާދެއްވީ އެމަނިކުފާނު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށް ނުގެންދެވުމުން، ހަވީރު 4 ޖަހާއިރަށް އެ ގަރާރުގެ މަސައްކަތްކުރުމަށް ޖަލްސާ އެއް އެޖެންޑާކޮށްފައި އޮއްވައެވެ.2005 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި މަޖިލީހުގައި މިހާރު ވެސް ހިދުމަތްކުރައްވަމުން ގެންދަވާ އަސްލަމް އިންތިހާބުކުރެއްވުމަށް ފަހު މިރޭ ރިޔާސަތަށް ވަޑައިގެން ދެއްކެވި ކުރު ވާހަކަފުޅުގައި ވަނީ، ހުރިހާ މެންބަރުންނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.