އާލާސްކަންފުޅާ އުޅުއްވާތީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން އެޖެންޑާ ކޮށްފައިވާ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އުޒުރުވެރިވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އަމީރު ވިދާޅުވީ އޭނާ އާލާސްކަންފުޅާ އުޅުއްވާތީ، އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހެޅުމަށް މާދަމާ އެޖެންޑާކޮށްފައި އޮތް ނަމަވެސް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން މާދަމާ ހެނދުނު 9 ޖަހާއިރަށް ތާވަލުކުރި ޖަލްސާ ކުރިއަށް ދާނެ ކަން ޔަގީނެއްނޫނެވެ.
ބަޖެޓު ހުށަހެޅުމަށް މަޖިލީހުން މާދަމާ އަށް ޖަލްސާ އެއް އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާގެ އަރިހުން އެކަމަށް އެދިވަޑައިގެން ނަޝީދު ސިޓީ އެއް ފޮނުއްވުމާ ގުޅިގެންނެވެ. ނިއުޝާ އަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ވަކި ތާރީހެއްގައި ބަޖެޓު ހުށަހަޅަން ޖެހޭ ކަމަށާއި، ނަމަވެސް އަމީރު ހާޒިރުވެވަޑައިނުގަތުމުގެ ސަބަބުން ގާނޫނާ އެއްގޮތަށް ބަޖެޓު ހުށަހެޅުން ލަސްވެފައިވާ ކަމަށެވެ.
"ގާނޫނުއަސާސީ އާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ތާރީހަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުން މިހާރު ލަސްކުރައްވާފައިވުމާއި, ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ, ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދެއްވުމަށް ދެންނެވީމެވެ," ނަޝީދު ފޮނުއްވި ސިޓީގައި ވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހަޅަންވާނެއެވެ. އަދި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މަޖިލީހުން ބަޖެޓު ފާސްކުރަންވާނެއެވެ.
ނަމަވެސް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އޮއްވައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ލަފާދެއްވުމުން، އަމީރު ނިންމެވީ މިދިޔަ މަހު 30 ގައި ބަޖެޓު ހުށަހެޅުމަށް މަޖިލީހުން އެޖެންޑާކުރި ނަމަވެސް، ޖަލްސާ އަށް ހާޒިރުވެވަޑައިނުގަތުމަށެވެ.