ކުރީ ސަރުކާރުގައި ކުވައިތު ފަންޑުން އެހީގައި ރާއްޖޭގައި ހިންގަން އުޅުނު މަޝްރޫތައް ނުހިންގި ހުއްޓާލުމާއެކު ކުވައިތުން ފަންޑު އަނބުރާ ގެންދިޔަ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަނީ ދޮގު ވާހަކަފުޅެއް ކަަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެެއް ކަމަށާއި ކުވެއިތު ފަންޑުން އަބަދު ވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ. މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓަކަށް ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވާ ކަމަށާއި "މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން" ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސަށް އަމީރު ފާޑުވިދާޅުވިއެވެ.

މިހާރު ރައީސް ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ، އެ ރަށުގެ ސިއްހީ ނިޒާމަށް ވެފައިވާ ގޮތް ކައުންސިލުން ވެސް މައުލޫމާތު ހިއްސާކުރެއްވި ކަމަށާއި އެކަން ބައްލަވާފައިވާ ކަމަށެވެ. އަދި އިތުރު ރަށްތަކެއް ހިމެނޭ ގޮތަށް އެ ރަށުގެ ހޮސްޕިޓަލްގެ މަޝްރޫއު ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެ ރަށުގެ ހޮސްޕިޓަލް މަޝްރޫއަކީ 30 އެނދުގެ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއަކީ ކުވައިތު ފަންޑުގެ ހިލޭ އެހީ ހަމަޖައްސައި ދީފައިވާ މަޝްރޫއެއް ކަމަށާއި އެހެންނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑްގެ ބޭނުން ނުކޮށް އެ މަޝްރޫއުތައް ހިންގުން ލަސް ކުރަމުން ގޮސް އެންމެ ފަހުން އެ ގައުމުން އެ ފަންޑު މިދިޔަ ސަރުކާރުގައި ގެންގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އަދި ކޮންމެ އިންޓަނޭޝަނަލް އެފަދަ ފަންޑެއްގައި ވެސް ފައިސާ ދިނުމުގެ އުސޫލުތަކެއް ހުންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތަށް އެކަން ވެފައިވަނީ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ނުކޮށް ފަރުވާ ކުޑަކުރުމުން ކަމަށެވެ. އަދި އެ ފަންޑް ގެންދިއުމުން ހަނިމާދޫ އާއި އެހެން ރަށްރަށުގެ މަޝްރޫއުތައް ވެސް ގެއްލިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅު އަމީރު ދޮގު ކުރެއްވި ނަމަވެސް އެ މަޝްރޫއެއް ނުހިނގައެވެ. އަދި އެކަން އެހެން އޮތް އިރު އެ ފައިސާއަށް ވީގޮތެއްވެސް އަމީރު ވިދާޅެއް ނުވިއެވެ.