5،000 ރުފިޔާގެ ބަދަލުގައި 35،000 ރުފިޔާ އަށް ވުރެ މަތިން ހަރަދުކުރަން ޖެހޭނަމަ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދައި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނެރުއްވި ސާކިއުލާ އަށް ކުދި ބަދަލުތަކެއް ގެނައުމަށް ފަހު، މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާ ސާކިއުލާއެއް ނެރުއްވައިފިއެވެ.

އަމީރު ސޮއިކުރައްވައި 19 ޖޫން 2022 ގައި ނެރުއްވި ސާކިއުލާގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލީ ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލިގެން ދިއުމުންނެވެ.

އެކަމަކު އެ ސާކިއުލާ އަށް ކުދި ބަދަލުތަކެއް ގެނައުމަށް ފަހު ޝަފީގު ސޮއިކުރެއްވި އާ ސާކިއުލާގައި ހަރަދުތައް ކުޑަކުރުމަށް ގޮވާލީ މި އަހަރުގެ ދައުލަތުގެ ބަޖެޓުގައިވާ ކަންކަން ރަނގަޅަށް ތަންފީޒުކުރުމަށާއި، ހަރަދުތަކުގެ އެފިޝެންސީ އިތުރުކުރުމުގެ ގޮތުންނެވެ.

އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ގޮވާލެއްވި ކަންކަން:

  • ދައުލަތުގެ ބަޖެޓުން އެއްވެސް އާ މަގާމެއް އުފެއްދުން، ނުވަތަ އާ އިނާޔަތެއް ދިނުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން ފަދަ ކަމެއް މިނިސްޓްރީގެ ހުއްދަ ނެތި ނުކުރުމަށް
  • ސްޓަޑީ ޓުއާ އާއި ތަމްރީނު ދަތުރުތަކުގެ އިތުރުން ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް، އަދި އެތެރޭގެ ދަތުރުތައް ކުރުމަށް ކުރިއާލާ ހުއްދަ ހޯދުމަށާއި، 5،000 ރުފިޔާ އަށް ވުރެ އިތުރަށް ހަރަދުކޮށްގެން ކުރާ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް
  • އިދާރާތައް ހިންގުމުގެ ބޭނުމަށް 5،000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ގަތުމުގެ ކުރިން ނުވަތަ އާ ހިދުމަތެއް ތައާރަފްކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް
  • ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޯލާޝިޕްތަކުގެ ބޭރުން އާ ސްކޯލާޝިޕްތައް ނުދިނުމަށާއި، ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ ހަރަދު ބޮޑު ނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް
  • މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން، ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެކަމަށް 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދާ ނަމަ، މިނިސްޓްރީގެ ހުއްދަ ހޯދުމަށް
  • ޕިއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން، 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ނަމަ، މިނިސްޓްރީގެ ހުއްދަ ހޯދުމަށް

އަމީރުގެ ސާކިއުލާ އާއި ޝަފީގުގެ ސާކިއުލާގައި ކުދި ތަފާތުތަކެއް:

ދެ ސާކިއުލާ އަޅާކިއުމުން، ހުރި ތަފާތުތަކަށް ވުރެ އެއްގޮތް ކަންކަން ގިނައެވެ. ޝަފީގު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި އެކަމަކު ކުދި ތަފާތުތަކެއް އެބަހުއްޓެވެ. ތިރީގައި މި ވަނީ ފާހަގަކުރެވުނު ބައެއް ތަފާތުތަކެވެ.

  • އަމީރު ނެރުއްވި ސާކިއުލާގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެނީ 5،000 ރުފިޔާ އަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭ ނަމަ، ޝަފީގު ނެރުއްވި ސާކިއުލާގައި ހުއްދަ ހޯދަން ޖެހެނީ 35 ހާސް ރުފިޔާ އަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭ ނަމަ
  • 35 ހާސް ރުފިޔާއިން ދަށުން ކުރާ ހަރަދުތައް ބަނޑޭރި ޕޯޓަލްގެ 'ގުޑްސް އެންޑް ސާވިސަސް' ފޯމު މެދުވެރިކޮށް ފިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދިއުމަށް، ޝަފީގުގެ ސާކިއުލާގައި ދަންނަވާފައިވޭ

މި ފިޔަވަޅުތަކަށް އިއްޔެއިން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.