ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާ ހަލާސް ކޮށްފައިވާ ކަަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސުވާލު އުފައްދަވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީގެ އާ ހަރުގެ "ޕީއެންސީ ހައުސް" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ހަތް މަސް ތެރޭގައި ދެއްކި ހަތަރު ބިލިއަން ރުފިޔާގެ އިތުރުން މިހާތަނަށް ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް ވެސް ހަތް ބިލިއަން ރުފިޔާ ދައްކައި ވަނީ ހަލާސް ކޮށްފައެވެ.
އަދި ބޭރުގެ ދަރަނީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ފައިސާ ދައްކާ ހަލާސްކޮށްފައި ވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ބޮޑެތި އިންޓަރެސްޓް ރޭޓުގައި އެއްވެސް ލޯނެއް ނުނަގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ސަރުކާރު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިވީ 7 މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ވެސް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިއަހަރު ނިމޭ އިރު އަމާޒަކީ އެ ފަންޑުގައި 100 މިލިއަން ޑޮލަރުގެ ފައިސާ ހުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރު، ހިސާބު އަދަދުތަކާއެކު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ބަޖެޓުން 18 ބިލިއަން ހަރަދު ކޮށްފައިވާ ކަމަށެވެ. މުސާރަ އަށް 5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާކަން ފާހަގަ ކުރައްވާ އަމީރު ވަނީ ބާކީ 13 ބިިލިއަން ރުފިޔާ އަކީ ސަރުކާރުގެ ހުސް "ދަރަނި" ތޯ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ވެސް އަމީރު ވަނީ މި ސަރުކާރުން އޮފީސްވެސް ނުހުޅުވަނީތޯ އާއި ޑްރޯންވެސް ނުގަންނަނީތޯ އައްސަވާ، ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރުވެސް ނުކުރައްވަނީތޯ ވެސް ސުވާލު އުފައްދަވާފައެވެ. އަދި މިއަހަރުގެ މިހާތަނަށް އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ހަރަދުކޮށްފައި ވާކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ހަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސީ މަގާމުތައްވެސް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާ ކަމަށާއި 700 ގައި ހުރި ސިޔާސީ މަގާމުތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައި ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރުން ވާހަކަ ދައްކަމުން ދަނީ ކަނޑައެޅިގެން އޮޅުވާލައިގެން ކަމަށާއި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ސޮވެރިން ފަންޑުގައިވެސް 141.1 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އަމީރު ވިދާޅުވެ ޗެލެންޖު ކުރައްވައެވެ.
އިތުރު ތަފްސީލްތައް ހިއްސާ ކުރަމުން އަމީރު ވިދާޅުވީ:
- އެމްއެމްއޭ ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސް: 2 މިލިއަން ޑޮލަރު
- ފިކްސްޑް ޑިޕޮސިޓް (ކޮމާޝަލް ބޭންކް) އަދި ޑޮލަރު ޓީ-ބިލް އިންވެސްޓްމެންޓްގެ ގޮތުގައި 139.1 މިލިއަން ޑޮލަރު
- އަދި 2018 ވަނަ އަހަރު ނިމުނުއިރު އެސް.ޑީ.އެފް ފަންޑް ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ނޮވެމްބަރު 2023 ނިމުނުއިރު ފަންޑް ސައިޒަކީ ގާތްގަނޑަކަށް 7.3 ބިލިއަން ރުފިޔާ ހުންނާނެ ކަމަށެވެ. އަދި އެއީ 5 އަހަރު ތެރޭަގައި 5.4 ބިލިއަން ރުިފޔާގެ އިތުރުވުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.
ސޮވެރިން ފަންޑަށް ޑޮލަރުން ފައިސާ ޖަމާ ކުރަން ފެށީވެސް މި ސަރުކާރުން ކަމަށް ބުނާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. 2020 ވަނަ އަހަރު ޑޮލަރުން ސޮވެރިން ފަންޑަށް ޖަމާކުރުން ހުއްޓާލިކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ އެގޮތަށް އަމަލު ކުރީ އޭރު އެމްއެމްއޭ އާއެކު ހެދުނު އެމަޖެންސީ އެގްރިމެންޓެއްގެ ދަށުން ކަމަށެވެ.
ނަމަވެސް އޭގެ ފަހުން 2023 ވަނަ އަހަރުގެ ކުރީ ކޮޅު ޑޮލަރުން ފައިސާ ޖަމާ ކުރަން ފެށި ކަމަށް އަމީރު އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީއިން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް އިން ފެންނަ ގޮތުގައި ސޮވެރިން ފަންޑަށް މި އަހަރުގެ މިހާތަނަށް ޖަމާ ކުރެވުނީ 519.7 މިލިއަން ރުފިޔާ ކަމަށާއި މިދިޔަ އަހަރު މި މުއްދަތުގައި 479.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
އަދި އެވާހަކަތައް ސަރުކާރުން އިރުއިރުކޮޅާ ތަކުރާރު ކުރަނީ ކޮން މަންފާއެއް ހޯދަންތޯ އައްސަވާ އަމީރު އޮއްސާލެއްވީ ސުލާވު ފުންޏެވެ.
މާލީ އަދަދުތައް ހާމަ ކުރުމުގައި ދެ ސަރުކާރުގެ އިސް އާރުކާޓީގެ ވެރިންގެ މެދުގައި ހިލާފުތައް ހުރި އިރު، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ޑިއުވެ ދައްކަން ޖެހިގެން އިންޑިއާގެ ދަރަނީގެ ބައެއް ހަލާސް ކުރީވެސް މިސަރުކާރުންނެވެ. އަދި ކުރީ ސަރުކާރު ނިމިގެން ދިޔަ އިރު އަތް ނުފޯރާ ވަރުގައި ހުރި ޑޮލަރުގެ އަގަށް ލުޔެއް ލިބި ރޭޓް ދަށްވެގެން ދިޔައީވެސް މި ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައެވެ.
މިހާރު ޑޮލަރެއްގަންނަން ލިބެނީ 18 ރުފިޔާއަށް.