ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލު ހިމަނައިގެން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ގަވާއިދުން ނެރެމުން ނުދާތީ އިދިކޮޅު އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ ރިޕޯޓް އެންމެ ފަހުން އާންމުކޮށްފައި ވަނީ ނިމިދިޔަ ޖޫން 20 ގަ އެވެ. ގަވާއިދުން މި ރިޕޯޓުތައް ނުނެރުމާއި ގުޅިގެން ދާދި ފަހުން ވަނީ ބައެއް ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއެކު މިދިޔަ ޖުލައި މަހު ފިނޭންސް މިނިސްޓްރީން ވަނީ ފިސްކަލް ރިޕޯޓު ލަސްވަމުންދަނީ ރިކޮންސިލިއޭޝަންގެ މަސައްކަތެއް ކުރިއަށްދާތީ ކަމަށް ބުނެފައެވެ. އަދި ޖުލައި ހަތަރު ވަނަ ހަފްތާގައި ރިޕޯޓު ނެރޭނެ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އަދިވެސް ފިސްކަލް ރިޕޯޓު ނެރެފައި ނުވެއެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ޕަބްލިކް ފައިނޭންސް މެނޭޖްމަންޓުގައި ހޯދާފައިވާ މުހިންމު އެއް ކާމިޔާބީ އަކީ ފިސްކަލް ޓްރާންސްޕޭރެންސީ ނުވަތަ މާލީ ހާމަކަން އިތުރުކުރުން ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މާލީ ހިސާބުތައް ގަވާއިދުން ކޮންމެ ހަފްތާއަކު ޝާއިއުކުރަމުން ގެންދިޔަކަމަށް އަމީރު ވިދާޅުވިއެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ބޭނުމަކަށްވީ މާލީ ހާލަތުގެ އަދާހަމައެއް އާއްމުންނަށް ފޯރުކޮށްދީ، މާލީ ކަންކަމާމެދު މަޝްވަރާއާއި ބަހުސް ކުރުމުގެ އިތުރުން މާލީ ހާމަކަމުގައި ތިބި ހިސާބު ވަޒަންކުރުމަށް، އައިއެމްއެފް ލައްވާ ފިސްކަލް ޓްރާންސްޕޭރަންސީ އިވަލުއޭޝަނެއް ހެދުން ކަމަށް އޭނާ ވިދާޅުވއިެވެ. އަދި އިވެލިއުޝަން ހެދުމަށްފަހު ހަރުދަނާ ކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރަމުންދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ.

"އަދި މި އިވަލުއޭޝަނަށްފަހު ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރަމުން، އަދި ރަނގަޅަށް ހުރި ކަންކަން އިތުރަށް ހަރުދަނާކުރަމުން ގޮސްފައިވާނެއެވެ. މި އިވަލުއޭޝަނުން ފެނުނު ގޮތުގައި އަހަރުގެ ތެރޭގައި ޝާއިޢުކުރާ މާލީ ރިޕޯޓްތަކުގެ ފްރިކުއެންސީއަކީ ރާއްޖޭގެ މާލީ ހާމަކަމުގައި އެންމެ ރަނގަޅަށް އޮތް ކަންތައް"
އަމީރު

ނަމަވެސް މި ސަރުކާރުން ފިސްކަލް ރިޕޯޓު ގަވާއިދުން ހާމަ ނުކުރާކަމަށް އަމީރު ވިދާޅުވިއެވެ. އަދި މާލީ މައުލޫމާތު ހޯދުމަށް ދަތިވެފައިވާކަން ފާހަގަ ކުރައްވާ އަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ވަނީ ޖޫން 20 އިން ފެށިގެން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް އަދި އަދި 2024 މާޗް މަހުން ފެށިގެން މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ނެރުން ހުއްޓާލާފައި ކަމަށެވެ.

މިއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ސިފަކޮށް އަމީރު ވިދާޅުވީ މާލީ މައުލޫމާތުތަކަކީ ފަސޭހައިން ލިބެން ހުންނަންޖެހޭ މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ މައުލޫމާތުގެ އަލީގައި މާލީ ކަންކަމާމެދު ބަހުސް ކުރުމުގެ ޖާގަވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ފާއިތުވި އަހަރުތަކުގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓުގައި ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވެ އަމީރު ވަނީ ފިނޭންސް މިނިސްޓްރީން ކުރަމުންދިޔަ މާލީ ރިޕޯޓްތައް އަލުން ޝާއިއުކުރަން ފަށައި މާލީ ހާމަކަން އިތުރުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެންމެ ފަހުން ނެރުނު ފިސްކަލް ރިޕޯޓު ދައްކާ ގޮތުގައި 2023، އަހަރު، ޖޫން 20، އާ ހަމަައަށް ދައުލަތަށް ލިބުނީ 15.4 ބިލިޔަން ރުފިޔާ ލިބުނު ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 16.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެ މުއްދަތުގެ ރިކަރަންޓު ހަރަދުތައްވެސް މިދިޔަ އަހަރަށްވުރެ ކުޑަ އެވެ.