ފިޗުން މިއަހަރު ރާއްޖޭގެ ރޭޓިންގް ދަށްކުރީ އައިއެމްއެފް ފަދަ ބޭރުގެ މާލީ ވުޒާރާ ތަކުން 2022 ގައި އަޅަން ލަފާދިން، މާލީ އިސްލާހީ ފިޔަވަޅުތައް ނޭޅުމުން ކަމަށް ސަރުކާރުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ބީ ނެގެޓިވް' އިން 'ސީސީސީ ޕްލަސް' އަށް ދައްކޮށްފައެވެ.

ފާއިތުވި ދެ އަހަރު ބީ ނެގެޓިވްގައި ރޭޓިން ދެމެހެއްޓި ނަމަވެސް މިއަހަރު ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތެއްގައި ފިޗުން ބުނެފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް އިތުރުވުމެވެ.

ފިޗުގެ ރޭޓިންގް ދަށްވާން ޖެހުނު މައިގަނޑު ސަބަބު ހާމަކޮށް ފިނޭންސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއަކީ ކޮވިޑަށްފަހު އެންމެ އަވަހަށް އިގްތިސޯދު އިޔާދަވި އެއް ގައުމު ނަމަވެސް އޭގެފަހުން ދައުލަތުގެ މާލިއްޔާ އަށް ގޮންޖެހުން ހުރިކަން 2022-2023 ގައި ބަޖެޓު ފޮތާއި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށްވެސް ފިސްކަލް ހިރާސް ކުޑަ ކުރަން ފިޔަވަޅު އަޅާފައި ނެތްކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

އަދި ހަމައެހެންމެ މިދިޔަ އަހަރު ތައްޔާރުކުރި މި އަހަރުގެ ބަޖެޓު ފޮތުގައި ވެސް އަހަރުގެ މެދުތެރެއިން ފެށިގެން މާލި އިސްލާހުތައް ގެނެސްގެން ހަރަދު ކުޑަކުރާނެ ކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ޕޭޕަރު ތައްޔާރުކޮށްފައި އޮންނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ވެސް އެކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

"މިކަމުގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް ނުވަތަ ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާ ގައުމެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ 2022 ވަނަ އަހަރުގެ އާޓިކަލް 4 ކޮންސަލްޓޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު މިކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައިވުމަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފިޗް ރޭޓިން މައިގަނޑު ޑައުން ގްރޭޑްކުރި މައިގަނޑު ސަބަބެވެ،"
ފިނޭންސް މިނިސްޓްރީގެ ބަޔާން

ނަމަވެސް މި ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުން ގެންދަނީ ހަރަދު ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންކަމަަށާއި މިހާރު ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތަކަކީ ދިވެހި އެންމެހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުސްތަގުބަލާ ގުޅޭ ކަންކަމަށްވާތީ މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.