އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރިޔަށްގެންދާ އުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިފަދައިން ގޮވާލެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ސަމިޓުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގާޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އޭނާ ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ގާޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މުޅި ގާޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން ޝާހިދު ވަނީ އެދިވަޑައިގަންނަވާފައެވެ. ފަލަސްތީނާއި މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި ސަމިޓަކީ އިސްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ. އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ގާޒާއާއި އަލްގުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ގަރާރާއެކުގައެވެ.

އެ ގަރާރަކީ އިސްރޭލުގެ ޣައިރު ގާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރޭލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ އަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާއިން ބާއްވާ ސަމިޓެކެވެ. ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާއެކެވެ.

ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން އަންނަނީ އެޖަމުޢިއްޔާގެ މެންބަރު ގައުމުތަކާ ގުޅިގެން އެޖަމުޢިއްޔާގައި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.