އެމްޑީޕީން މި ނިކުންނަނީ މިހާރު ވެރިކަން ކުރަމުން އަންނަ "ސްކޭމް" ސަރުކާރު ޖަވާބު ދާރީ ކުރުވަން ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބޮޑު ތަނުން ބަލި ކުރާނަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ސަލްޓަން ޕާކުގައި މިހާރު ކުރިއަށްދާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހީދު ވިދާޅުވީ، މާޒީއަށް ނުބަލައި މުސްތަގްބަލަށް ބަލައިގެން ކުރިއަށް ދިއުމަށް އެމްޑީޕީ މި ނިކުންނަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށެވެ.

މި ސަރުކާރަކީ ސްކޭމް ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޝަހީދު ވިދާޅުވީ، މި ސަރުކާރުން ހިންގަމުން އަންނަ ސްކޭމްތަކަކީ ބަންކަރިންގެ ސްކޭމް، ޑޮލަރުގެ ސްކޭމް، ޗާގޯސްގެ ސްކޭމް، އިންޑިއާ އައުޓޭ ކިޔާފައި ނިކުތް ސްކޭމް، ބޯހިޔާވަހިކަމުގެ ސްކޭމް، ޒުވާނުންނަށް އޮޅުވާލުމުގެ ސްކޭމް އަދި ޑޮކްޓަރީ ބޭހުގެ ސްކޭމްތައް ކަމަށެވެ. މި ސަރުކާރު އައި ފަހަުން ތަރައްގީގެ ހުރިހާ ކަމެއް ވި ވަނީ ހުއްޓިފައި ކަމަށް ޝަހީދު ވިދާޅުވިއެވެ.

5 ބިލިއަން ރުފިޔާގެ ލޯން ދައްކާފައިވާ ކަމަށާއި 1.3 ބިލިއަން ރުފިޔާގެ ސާޕްލަސް އަދިވެސް ޖީބުގައި އެބަ އޮތް ކަމަށް މި ސަރުކާރުން ބުނި ކަމުގައި ވިޔަސް ރާއްޖޭގެ ރައްޔިތުންނަށާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ. އެ ފައިސާ ދިނުމަށް ފަހު ޖީބުގައި ބާކީ ފައިސާ އޮތް ނަމަ ބާކީ ފައިސާ ހުރި ކަމުގައި ބުނެވިދާނެ ކަމަށް ޝާހީދު ވިދާޅުވިއެވެ. އެ ނޫން ގޮތުގައި ބާކީ ފައިސާ ހުރި ކަމަށް ބުނާ ނަމަ ތިއީ ސްކޭމް ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބޯތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އަލިއަލޫއްވާލައްވަމުން ޝާހިދު ވިދާލުވީ، މިހެން ބަލަން ތިބެވެން ނެތް ކަމަށެވެ. މި ސްކޭމް ސަރުކާރަށް ރާއްޖޭގެ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުވުމަށް ނިކުންނަންވީ ކަމަށް ޝާހިދު ވިދާޅުވިއެވެ. ބޮޑު ތަނުން މި ސަރުކާރު ބަލި ކުރުމަށް ރައްޔިތުން ފިކުރާ ގުޅިފައިވާ އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރު ނިކުންނާނީ ބުންވަރާއި އެކުގައި ފަހަތަށް ނުޖެހޭ ގޮތަށް ކަމަށް ޝާހީދު ވިދާޅުވިއެވެ. އަދި އެކަން ސާބިތުކޮށް ދިނުމަށް ޝަހީދު ރައްޔިތުންނަށް ގޮވާލެއްވިއެވެ.