ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަނުމަކީ، ދައުލަތް ހިންގުމަށް ފައިސާ ހޯދަންވީ ގޮތް ސަރުކާރަށް ނޭނގުން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މި ވަނީ، ފުލްޓައިމް އަދި ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރެވޭނެ ފުރުސަތާއެކު ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީސީއާ ހަވާލު ކުރުމާ ގުޅިގެންނެވެ. މިއަދު މާލޭގައި ހުންނަ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޓެކްސީ ލައިން ފެށުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ޝާހިދު ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި އާންމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ. ސަރުކާރު ވާންޖެހޭނީ އާންމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައި ވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތް ކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށް ޝާހީދު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ

ޓެކްސީ ލައިން ހިންގުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، މި ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ދޭން ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.

ދެ ވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ނިންމާފައެވެ. ތިން ވަނަ ފިޔަވަހީގައި 2028 އާއި 2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ރާވާފައެވެ.

ސަރުކާރުން ބުނެފައި ވަނީ، މި ހިދުމަތް އެމްޓީސީސީން ފެށި ނަމަވެސް އާންމު ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ދައްޗެއް އަދި ހުރަހެއް ވެސް ނޯންނާނެ ކަމަށާއި އެފަދަ ޓެކްސީ ދުއްވާ ފަރާތްތަކުން، ޕާޓްޓައިމް ވަގުތުގައި ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭ ޓެކްސީ ދުއްވިދާނެ ކަމަށެވެ. އޭރުން އިތުރު އާމްދަނީއެއް ލިބޭނެ ކަމަށާއި، ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން އާންމު ޓެކްސީ ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.