ސަރުކާރުން ''ޖެހުނު ގޮތަކަށް" ފައިސާ ހޯދަމުގެ މަސައްކަތް ފެށީ ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ވިއްކާ ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު މިއަދު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެ ގޮތުން ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ޒިންމާދާރުކަން ކުޑަ، އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގުތިސާދީ މާހިރުންގެ ލަފަޔާ ހިލާފު އަމަލެއް ކަމަށެވެ. ރާއްޖޭގެ މާލީ ސިޔާސަތު ހަރުދަނާކޮށް، ހަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އިގުތިސާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ކުރާނެ އަސަރުތައް ހާމަކޮށް ޝާހިދު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދާނެކަމަށެވެ. އަދި ދިވެހި ރުފިޔާގެ އަގު ވެއްޓި، އިގުތިސާދަށް ލޮޅުން އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުމީހާއަށްކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ކާނާއާއި، ތެލާއި، އަސާސީ މުދަލުގެ އަގު ބޮޑުވެގެން ދާނެކަމަށެވެ، އަދި ޑޮލަރު ހޯދަން މިހާރު ވެސް ދަތިތަކާއި ކުރިމަތިވެފައިވާއިރު އެ މައްސަލަވެސް ކުރިމަތިވާނެކަމަށާއި، ދިގު މުއްދަތަކަށް ޓެކްސް ބޮޑުކޮށް އާއްމު ހިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ކަންތައްތައް ދާނެކަމަށެވެ.
އެމްއެމްއޭއަކީ ބިން ބޭނުންވާ ތަނެއް ނޫންކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެމްއެމްއޭގެ މެންޑޭޓްގައިވެސް ރިއަލް ސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުން ނުހިމެނޭކަމަށެވެ. އަދި ސަރުކާރުން ބިން ގަތުމުގެ ނަމުގައި ހިންގަން އުޅޭ ކަންކަމަކީ އެމްއެމްއޭގެ ގާނޫނާ ހަރަދަށް ޒިންމާވުމުގެ ގާނޫނާ ވެސް ހިލާފުކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިގުތިސާދަށް ނޭދެވޭ އަސަރުކުރާނެކަން ހާމަކޮށް ޝާހިދުވަނީ މިކަން ވަގުތުން ވަގުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.