މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ވިއްކާ ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަނެއްހާ ރުފިޔާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަހަރުގެ ބާކީ ހުރި ދުވަސްތަކުގައި ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް "ދަ ޕްރެސް" އިން މަސައްކަތް ކުރި ނަމަވެސް އެމްއެމްއޭގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މި ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 15 ބިލިއަން ރުފިޔާ ޗާޕުކޮށް ބިން ގަތުމަށް އެމްއެމްއޭ އިން ނިންމުމަކީ ޒިންމާދާރުކަން ކުޑަ އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުންގެ ލަފާއާ ހިލާފު ނިންމުމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ މި ޒިންމާދާރުކަން ކުޑަ ސިޔާސަތުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ކާބޯތަކެއްޗާއި، ތެލާއި، އަސާސީ މުދަލުުދަލުގެ އަގު މައްޗަށް ދިއުމާއި ރުފިޔާގެ އަގު ދަށްވުމުގެ ސަބަބުން ޑޮލަރު ހޯދުން އިތުރަށް އުނދަގޫވެގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިއީ އެމްއެމްއޭގެ ގާނޫނާއި، ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި މިއީ މަރުކަޒީ ބޭންކުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ވަނީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ދަރަނިވިޔަ ނުދީ، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދެމުން، ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން އަދި ފައިސާގެ އަގު ހިފަހައްޓައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށް ވިދާޅުވެފައެވެ.