އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ހިމެނޭހެން އެމްޑީޕީގެ ލީޑާޝިޕުގެ މެންބަރުން ޕާޓީގެ ރަސްމީ ދަތުރެއްގައި 2 އަތޮޅަކަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެގޮތުން މާދަމާ ހެނދުނު ފައްޔާޒް ށ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި މާދަމާ މެންދުރު ޝާހިދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެމްޑީޕީއިން ބުނީ 2 ބޭފުޅުންގެ މި ދަތުރުގައި ވެސް އެ އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރު ގިއަރަކަށް މަތި ކުރުމާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.

މީގެއިތުރުން ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ދީ އެ ކަންކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރާނެ ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

މި ދަތުރުތަކުގައި ޕާޓީގެ ޗެއާޕާސަން އަދި ރައީސްގެ އަރިހުގައި ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.