އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ހުވާކުރައްވާއިރު ގިނަ ބައެއްގެ ލޯ އަމާޒުވާނެ ބަޔަކީ ކެބިނެޓުގައި ތިއްބަވާނެ މިނިސްޓަރުންނަށެވެ. މިނިސްޓްރީތައް ހިންގުމުގެ ގާބިލުކަން ހުރި މިނިސްޓަރުން އެ މަގާމުތަކަށް އަންނަން އެންމެންވެސް ބޭނުން ވާއިރު ގިނަ ބަޔަކު ސުވާލު އުފެދެމުން ދަނީ އެ ބޭފުޅުންނާ މެދުއެވެ.
މުއިއްޒުގެ ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށް "ދަ ޕްރެސް" އަށް އެނގިފައި ބޭފުޅުންގެ ލިސްޓެއް އެކުލަވާލި އިރު އޭގެ ތެރޭގައި މީގެ ކުރީގެ ޕީޕީއެމް ސަރުކާރުގައި މިނިސްޓްރީތައް ހިންގެވި ބޭފުޅުންނާއި މިނިސްޓްރީތަކުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ދެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އިސް މެންބަރުންގެ އިތުރުން އެމްއެންޕީގެ އިސް ބައެއް މެންބަރުންވެސް އެ ކެބިނެޓުގައި ހިމެނެއެވެ.
ރައީސް ޔާމީންގެ ބައެއް ޗޮއިސްތައް ވެސް މުއިއްޒު ކެބިނެޓުގައި!
އެގޮތުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މުއިއްޒުގެ ވެރިކަމުގައި ވެސް ހުންނަވާނީ އެ މަގާމުގައެވެ. ދާދިފަހުން ޝަހީމް ވަނީ އާ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާތީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ މުއިއްޒުގެ ކެބިނެޓުގެ އިސްލާމިކް މިނިސްޓްރީއާ ހަވާލުވެވަޑައިގަތުމަށް ކަން 'ދަ ޕްރެސް' އަށް އެނގިފައި ވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމު އަދާކުރެއްވި، މިހާރު މާވަށު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ސައީދު، އާ ސަރުކާރުގައި ވެސް ހުންނަވާނެކަން އެނގިފައި ވަނީ އިކޮނޮމިކް މިނިސްޓަރަކަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި ތޯރިގް އިބްރާހިމް ހުންނަވާނެ ކަމަށް އެނގިފައި ވަނީ އާ ސަރުކާރުގައި އެކުލަވާލާ ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރަށެވެ.
ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެެ ތެރެއިން ހަގީގީ މާނާގައި ކައުންސިލްތައް ބާރުވެރިކުރުމަށް އުފައްދާ ލޯކަލް ގަވަނަންސް މިނިސްޓަރަކަށް ހަމަޖައްސަވާނެ ކަމަށް ބެލެވެނީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ޖެންޑާ މިނިސްޓަރަށް ހަމަޖައްސަވަން ނިންމަވާފައި ވާކަން އެނގިފައިވާ އިރު ޔާމީންގެ ވެރިކަމުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހަމަޖައްސަވަން ނިންމަވާފައި ވަނީ ފޮރިން މިނިސްޓަރަށް ކަމުގައި ބެލެވެއެވެ.
ހައުސިން މިނިސްޓަރަކަށް ކުރީ ސަރުކާރުގައިވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި، ޑރ. ހައިދަރު އަލީ ހަމަޖައްސަވާ އިރު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެމިނިސްޓްރީގައި ހުންނެވި ޑރ. އަބްދުﷲ މުއްތަލިބު ހަމަޖައްސަވަން ނިންމާފައި ވަނީ އިންފްރާސްތްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ކަމަށް ވަނީ އެނގިފައެވެ. މުއްތަލިބު ވަނީ އިންޖިއަރިންގެ ދާއިރާއިން އިނގިރޭސި ވިލާތުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އާއިޝަތު ރަމީލާ ހަމަޖައްސަވަން ނިންމަވާފައި ވަނީ އެގްރިކަލްޗާ މިނިސްޓްރީ އަށް ކަމަށް ވެސް އެނގިފައި ވެއެވެ.
އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމަވާފައި ވަނީ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ޑރ. އިސްމާއިލް ޝަފީއު ކަމަށް ބެލެވެއެވެ.
ކެބިނެޓަށް ފެންނަ މޫނުތަކާއި އާ މޫނުތައް!
ޑިފެންސް މިނިސްޓަރަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މިހާރުގެ މެންބަރު ޣައްސާން މައުމޫން ހަމަޖައްސަވަން ނިންމަވާފައި ވާއިރު ފިޝަރީޒް މިނިސްޓަރަކަށް ހަމަޖައްސަވަން ނިންމަވާފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމުކަމަށް އެނގިފައި ވެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޕައިލޮޓް، ކެޕްޓަން މުހައްމަދު އަމީން ހަމަޖައްސަވާކަންވެސް އެނގިފައި ވެއެވެ.
ހޯމް މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ހެޕީ މާކެޓު ކުންފުނީގެ ސީއީއޯ، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާނު ކަމަށް އެނގިފައި ވާ އިރު އިހުސާންއަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާ ރިޓަޔާ ކުރެއްވުމަށްފަހު ސިޔާސީ މަސައްކަތުގައި އުޅުއްވާ ބެފުޅެކެވެ. އަދި އިހުސާން ފާހަގަކުރެވިގެން ދިޔައީ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވާ، ސަރުކާރުގެ ކަންކަން ހާމަކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ބަންޑާރަ ނައިބުގެ މަގާމު ކޯލިޝަންގެ ތެރެއިން އެމްއެންޕީއަށް ދޭން ނިންމާފައި ވާއިރު އެ މަގާމަށް އައްޔަން ކުރަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު އުޝާމް އެވެ. ހެލްތު މިނިސްޓަރުގެ މަގާމު ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލަށް ދޭން ނިންމާފައި ވާކަން އެނގިފައި ވާއިރު ފިނޭންސް މިނިސްޓަރުގެ މަގާމު ދޭން ނިންމާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީީގަށް ކަންވެސް އެނގިފައި ވެއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމު ޕީޕީއެމްގެ ސެނެޓް މެންބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލަށް ދޭން ނިންމާފައި ވާ ކަމަށާއި ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ މިނިސްޓަރަކަށް ހަމަޖައްސަވަން ނިންމަވާފައި ވަނީ ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ކަން ވެސް 'ދަ ޕްރެސް' އަށް ވަނި އެނގިފައެވެ.
ސްޕޯޓްސް އެންޑް ޔޫތު މިނިސްޓްރީ ވަކިކުރަން ނިންމާފައި ވާއިރު ސްޕޯޓްސް މިނިސްޓްރަކަށް ރިހެބިލިޓޭޝަން ސްޕެޝަލިސްޓު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ މެޑިކަލް ހެޑް އަބްދުﷲ ރާފިއުއަށް ދޭން ވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވަން ނިންމަވާފައި ވަނީ ޑރ. މަރިޔަމް މާރިޔާއެވެ.
ކެބިނެޓު އޮތީ މިހެން ކަމަށް ވާއިރު މި ކެބިނެޓާއެކު މުއިއްޒު މި ފަށްޓަވަނީ މުޅިން އާ ދަތުރަކަށެވެ. ކޮންމެ ކެބިނެޓެއްގައިހެން މި ކެބިނެޓުގައި ހިމެނޭނެ ބޭފުޅުންގެ ގާބިލުކަމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް އެފުރުސަތު ދޫކޮށްލާނަމެވެ. ކެބިނެޓުގައި ގިނައިން ތިބީ ޕީއެޗްޑީ ހޯލްޑަރުންނާއި އެ ދާއިރާތަކުން ތަޖުރިބާ ހޯދާފައިވާ ތަޖުރިބާކާރުން ކަމަށް ވާއިރު މިއީ ރަނގަޅު ނިންމުމެއް ކަމަށް ބަލައި މުއިއްޒަށް ފުރުސަތު ދިނުމަކީ ވެރިކަމުގެ 5 އަހަރުގެ ދައުރު މިނަން ރައްޔިތުންނަށް ލިބޭނެ ފަހި ފުރުސަތެކެވެ.