ގަވާއިދުން ކުލި ދެއްކައިގެން އުމްރާ ދަތުރެއް ހޯދުމަށް ހުޅުވާލި "ޕޭ އެންޑް ވިން" ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކުގެ ގުރުއަތު ނަގައިފިއެވެ.

އާބަންކޯއިން ބުނީ، މިއަދު ނެގި މި ގުރުއަތުގައި ހަތަރު ފަރާތެއް ހޮވާފައިވާ ކަމަށާއި އެއީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތަކާއި، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެފަރާތް ކަމަށެވެ.

ހަމައެއާއެކު މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ޖެނުއަރީ 2024 ގައި ކުރިއަށްގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

"ޕޭ އެންޑް ވިން" އަކީ އާބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ.

އާބަންކޯއިން ބުނީ، ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށެވެ.

ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން ފާހަގަވެފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. އެހެންނަމަވެސް މި ކޯޕަރޭޝަނުން މަސައްކަތް ކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށާއި އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ފަހިކޮށްދީފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އެގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އާބަންކޯއިން ވަނީ ފާހަގަ ކޮށްފައެވެ.

އާބަންކޯއިން ބުނީ، މި ކޯޕަރޭޝަންގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.