އަންނަ އަހަރުން ފެށިގެން އިންތިގާލީ އިންސާފުގެ އޮފީސް އުވާލާނެ ކަން، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުން ހާމަވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކަށް ކަނޑައަޅާފައިވާ އަދަދުތައް ބަޔާންކޮށްފައިވާ ސަފުހާތަކުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ މައުލޫމާތެއް ނެތެވެ. އެ އިދާރާ އިން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، އަދި އޮތީ އަންނަ ދައުރުގައި އެ އިދާރާގެ މުއްދަތު އިތުރުނުކުރާ ގޮތަށް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އިންތިގާލީ އިންސާފުގެ އިދާރާ އިން 100 މައްސަލަ އެއް އަދިވެސް ނުނިމި އެބަ އޮތެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ފަރާތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިދާރާ އެއް އުފައްދަވާފައި ވަނީ، 1953 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 17، 2018 ގެ ނިޔަލަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ނުވަތަ މަސައްކަތް ކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަށް ބެލުމަށެވެ.

އެފަދަ މައްސަލަތައް ބަލައި ތަހްގީގުކޮށް، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެކަމަށްޓަކައި އިންތިގާލީ އޮމްބަޑްސްޕާސަންގެ އޮފީސް ވުޖޫދުވެފައި ވަނީ ޑިސެމްބަރު 17، 2020 ގައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17 އަށް އެ އިދާރާގެ ދައުރު ހަމަވެފައިވީ ނަމަވެސް، މައްސަލަތައް ނުބެލި ހުރުމުން އެ އިދާރާގެ މުއްދަތު ވަނީ މި މަހުގެ 17 އަށް އިތުރުކޮށްފައެވެ.