އެއްގަމު މަގުން ގާޒާއަށް އަރާ އިޒްރޭލުން ބޮޑު ގަތުލުއާންމެއް ހިންގަމުން އަންނަ އިރު، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި ޔަހުދީ 11 ސިފައިން މަރާލައިފިއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ، އެއްގަމު މަގުން އަރާ ހިންގަމުން ދާ އޮޕްރޭޝަންގައި އިޒްރޭލުގެ 11 ސިފައިން މަރުވެފައި ވާ ކަމަށާއި އޭގެ ތެރެއިން 9 މީހުން މަރުވީ އިއްޔެ ކަމަށެވެ.
އޭގެ ކުރިން 2 މީހަކު މަރާލާފައި ވާކަނަ ހަމާސް އިންވެސް އިއުލާން ކޮށްފައި ވެއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިތުރަށް ބުނީ، އެއްގަމު މަގުން އަރާ ހިންގާ އޮޕަރޭޝަކީ ގެއްލުން ބޮޑުވާނެ އޮޕަރޭޝަނެއް ކަމަށާއި ދިގުދެމިގެން ދާނެ އޮޕަރޭޝަނެއް ކަމަށެވެ.
ޔަހޫދީންނަށް އެމީހުންގެ އެކަކުގެ މަރަކީވެސް އެއްލައްކަ މީހުންގެ މަރާ އެއްވަރު ކަމަކަށް ވާއިރު 11 މީހުން މަރުވުމަކީ އެމީހުންނަށް ވަރަށް ބޮޑު ދެރައަކަށް ވެއެވެ.
ބަދަލު ހިފުމުގެ ރޫހުގައި ގަލަންޓް ވާހަކަ ދައްކަމުން ބުނީ، މިހާތަނަށް ގާޒާގެ 11،000 ތަނަކަށް ހަމަލާ ދީފައި ވާ ކަމަށާއި އިއްޔެ ޖަބަލިޔާ ކޭމްޕް ބިމާ ހަމަކޮށްލި ހަމަލާގައި ހަމާސްގެ ޖަބަލިޔާ ބްރިގޭޑްގެ ކޮމާންޑަރެއް ކަމަށް ވާ އިބްރާހިމް ބިއާރީ މަރާލެވުނު ކަމަށެވެ.
ބިއާރީއަކީ އޮކްޓޯބަރު 7، 2023 ގެ ހަމަލާ އިޒްރޭލަށް ދިނުމުގެ އިސް ބައިވެރިއެއް ކަމަށް ވެސް ބުނެއެވެ.
އިއްޔެ އިޒްރޭލުން އެމެރިކާގައި އުފައްދާފައި ވާ ބޮމުބެ 6 ބޮން ވައްޓާލައި ޖަބަލިޔާ ކޭމްޕްގެ އަވަަށެއް އެއްކޮށް ބިމާ ހަމަކޮށްލާފައި ވާ އިރު، ޝަހީދުވި މީހުންގެ އަދަދު 100 އަށް އަރާ ކަމަށާއި ޒަހަމްވި މީހުންނާއެކު އެ އަދަދު 400 އަށް އަރާ ކަމަށް ހަބަރުތައް ބުނެއެވެ.
ބޭނުންވާ އެކަކު ހޯދަން އެތައް ސަތޭކަ އާންމު ރައްޔިތުންނެއް ޝަހީދު ކޮށްލުމަށް ފަހު ޔަހުދީން ބުނަނީ، އާންމުންގެ ރައްކާތެރިކަމަށް ބަލާ ކަމަށެވެ.
ގަލަންތް ބުނެފައި ވަނީ، ޔަހުދީ ސިފައިން ގާޒާގެ އެންމެ އެތެރެއަށް ވަދެފައި ވާ ކަމަށާއި ކުރަމުން ދަނީ އަގުހުރި ޖިހާދެއް ކަމަށެވެ.
ޖަބަލިޔާގެ އިތުރުން ގާޒާގެ އެތަން މިތަނަށް ޔަހޫދީން ދަނީ ހަމަލާ ދެމުންނެވެ. އޭގެ ބޭރުން ހުޅަނގު އައްސޭރިއަށް ވެސް ހަމަލާ ދެމުން އެބަގެންދެއެވެ. އެީ ހަމާސްގެ ބަޔަކު އުޅޭތަނެއްވެސް ނޫނެވެ.
ހަބަރުތައް ބުނާގޮތުން ހުޅަނގު އައްސޭރިއަށް ދިން ރޭ ދިން ހަމަލާ ތަކުގައި 4 މީހަކު ވަނީ ޝަހީދު ވެފައެވެ. އަނެއްކޮޅުން ޖެނީން އާއި ތުލްކަރަމުން 3 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.
އިތުރު ހަބަރުތައް ބުނާގޮތުން ޖެނީންގައި ހުންނަ ފަތަހް މޫވްމަންޓުގެ ޖެނެރަލް ސެކްރެޓަރީގެ ގެ އިޒްރޭލުން މިހާރު ވަނީ ވަށާލާފައެވެ. އޭނާގެ އިތުރުން ފަތަހް މޫވްމަންޓުގެ އެހެން އިސް ލީޑަރެއް ކަމަށް ވާ ޖަމާލް ހާވިލްގެ ގެވެސް ވަށާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ. މި ދެ ގެއަކީވެސް ޖެނީން ރެފިއުޖީ ކޭމްޕްގައި ހުންނަ ދެ ގެއެވެ.
އިޒްރޭލުގެ 11 ސިފައިން މަރާލި ހަމަލާތަކުގެ ތަފްސީލަށް ބަލާއިރު، އެ ހަމަލާ ހަމާސް އިން ދީފައި ވަނީ އިޒްރޭލު ސިފައިން ގާޒާގެ ތެރޭގައި ޓޭންކަރުތަކުގައި ދަނިކޮށެވެ. އެންޓި ޓޭންކް ގައިޑަޑް މިސައިލަކުން ދިން ހަމަލާގައި މަރުވި އެެކެއްގެ އިތުރުން 4 މީހަކު ޒަހަމްވެފައި ވެސް ވެއެވެ.
އަނެއް 2 މީހަކު މަރުވީ އެމީހުން ދުއްވި ޓޭންކަރު މައިނަކަށް އަރާ ގޮވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި ވެސް އިތުރު 2 ސިފައިން ޒަހަމްވެފައި ވެއެވެ.
އިތުރު ދެމީހަކު މަރުވީ ހަމާސްގެ މުޖާހިދުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.
ދެން މަރުވި މީހުންނަށް އަމާޒުވި ހަމަލާތަކުގެ ތަފްސީލެއް އިޒްރޭލުން ހާމަ ކޮށްފައެއް ނުވެއެވެ.
ހަމާސްގެ މީޑިއާ ތަކުން ބުނާގޮތުގައި، އިޒްރޭލުގެ ސިފައިންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ހަމަލާ އަމާޒުވެފައެވެ. އަދި އެމީހުން ދުއްވާ ބައެއް ޓޭންކަރުތަކާއި ބުލްޑޯޒަރުތައް ހަލާކުކޮށްލައި ގެއްލުންތަކެއް ވަނީ ދީފައެވެ. އެމީހުންވެސް ހަމަލާތަކާއި މަރުވާ މީހުންގެ މާބޮޑު ތަފްސީލުތަކެއް ހާމައެއް ނުކުރެއެވެ.