އަންނަ އަހަރު ދައުލަތުގެ ދަރަނި އިތުރުވާ މިންވަރު މަތިވެ، ޖީޑީޕީ ނިސްބަތުން ޖުމްލަ ދަރަނީގެ މިންގަނޑު 114.3 ޕަސެންޓަށް މަތިވާނެ ކަމަށް ފިނޭނސް މިނިސްޓްރީން ލަފާ ކޮށްފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން، އަންނަ އަހަރަށް ގެރެންޓީ ދީފައިވާ ދަށްވާ މިނަވްރަށް ވުރެ ދައުލަތުގެ ސީދާ ދަރަނި އިތުރުވާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުގެ ޖީޑީޕީ ނިސްބަތުން ޖުމްލަ ދަރަނީގެ މިންގަނޑު 114.3 ޕަސެންޓަށް މަތިވާނެ ކަމަށާއި، ޖީޑީޕީ ދަށަށް ދާނެ މިސްރާބު ބަހައްޓަން ކަނޑައެޅި ފިސްކަލް އެކަންރް އަންނަ އަހަރު ހާސިލް ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް މެދުރާސްތާގައި އެ މިންގަނޑުތައް ދާވާނެ ކަަމށާއި 2026 ވަނަ އަހަރު ނިމޭ އިރު އެ އަދަދު 107 ޕަސެންޓަށް ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ ޖީޑީޕީގެ ނިސްބަތުން އޯވަރައޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 12 ޕަސެންޓްގައި ކަމަށެވެ. އަންނަ އަހަރުގެ އާމްދަނީ އިތުރުވި ނަމަވެސް ބައެއް ސަބްސިޑީތަކަށާއި، އާސަންދަ އަދި ފީއެސްއައިޕީއަށް ކުރަން ޖެހޭ ހަރަދު އިތުރުވުމާ ގުޅިގެން މި އަހަަރު އެ ނިސްބަތް ހުންނާނެ ކަމަށް ބެލެވެނީ 13.8 ޕަސެންޓްގައި ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކުރިއަށް އޮތް އަހަރު ޖީޑީޕީ ނިސްބަތުން 7.4 ޕަސެންޓްގައި ޕްރައިމަރީ ޑެފިސިޓް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފައެވެ. އެ ނިސްބަތް 5 ޕަސެންޓަށް ވުރެ ދަށުގައި ބަހައްޓަން ފިސްކަލް ސްޓްރެޓަޖީ ކަނޑައަޅައި ފިސްކަލް އެންކާ ހާސިލް ވާނެ ކަަމަށް ބެލެވެނީ 2026 ވަނަ އަހަރުގައި ކަމަށް ފިނޭންސް އިން ބުނެއެވެ.
އަންނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓު ފައިނޭންސް ކުރުމަށް 17،231.3 މިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން 71.8 ޕަސެންޓަކީ ބޭރުގެ ފަރާތްތަކުން ހޯދަން ރާވާފައިވާ ފައިސާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ބަޖެޓުގައި ޑެފިސިޓް އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރުވެ، ފައިނޭންސިން ހޯދަން ޖެހޭ މިންވަރު ވެސް ވަނީ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ 66 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާ ކޮށްފައެވެ. އަދި 2025 ވަނަ އަހަރާއި 2026 ވަނަ އަހަރަކީ ދަރަނި އަނބުރާ ދައްކަން ކުރަން ޖެހޭ ހޭދަ ނިސްބަތުން އުފުލިފައި ހުންނާނެ ދެ އަހަރު ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މެދުރާސްތާގައި ފައިނޭންސް ހޯދަން ޖެހޭ މިންވަރު މަތިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.