އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޑް ހަރަދުގެ ގޮތުގައި 70.2 ޕަސެންޓު ނުވަތަ 34،8 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ރިކަރަންޓް ހަރަދުގެ ބޮޑުބައެއް ހަރަދުކުރާނީ މުވައްޒަފުންގެ މުސާރައާއި، ސަބްސިޑީ އަދި އެހީއަށް ކަމަށެވެ. އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ބަޖެޓުގެ ރިކަރަންޓް ހަރަދު 7.5 ޕަސެންޓު އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އަންނަ އަހަރަުގެ ބަޖެޓުގެ 29.8 ޕަސެންޓު ހަދަރުކުރުމަށް ރާވާފައިވަނީ ކެޕިޓަލް ހަރަަދަށް ކަމަށްވާއިރު މީގެ ތެރެއިން 8.7 ބިލިއަން ރުފިޔާ ނުވަތަ 17.5 ޕަސެންޓު ހަރަދުކުރަނީ ޕީއެސްއައިޕީއަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއުއަކާިއ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅި މަޝްރޫއުތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ދައުލަތުގެ ދަރަނި ބޮޑުވެފައިވުމާއެކު، ދަރަނި ސާވިސްކުރުމުގެ ހަރަދު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ބަޖެޓުން 7.4 ބިލިއަން ރުފިޔާ ދަރަނި ސާވިސްކުރުމަށް ހޭދަކުރާއިރު އޭގެ ތެރެއިން 5.2 ބިލިއަން ރުފިޔާ ހޭދަކުރާނީ އިންޓަރެސްޓް ހަރަދުގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން 2026 ވަނަ އަހަރު ބޭރު ފައިސާގެ ބޮޑެތި ދަރަނިތައް އަދާކުރަންޖެހޭނީ ރީފައިނޭންސިން ހިރާސް މަތިވެފައިވާ ކަމަށާއި މެދުރާސްތާ ބަޖެޓު ރާވާފައިވަނީ މި ހިރާސް ކުޑަކުރުމަށް ވިސްނައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

އަންނަ އަހަރަށް ހުށަހަޅާފައވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ.