ކ. ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިންމައި، ދެވަނަ އޭރިއާ ގޮތުގައި އޭރިއާ އޭ ހިއްކަން ފަށައިފި ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން ބުނީ، އޭރިއާ ބީގެ ގޮތުގައި ހިއްކާފައި ވަނީ 39.6 ހެކްޓަރުގެ ސަރަހައްދެއް ކަމަށެވެ. މި އޭރިއާ ހިއްކާ ނިމުމާ އެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ އެގޮތުން. އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 71.5 ހެކްޓަރުގެ ސަރަހައްދެއް ކަމަށް އާބަންކޯއިން ބުނެއެވެ.
މީގެ އިތުރުން އަދި އިތުރު ދެ ސަރަހއްދެއް ތިލަފުށީ ފޭސް 2 އަކުން ހިއްކަން ހަމަޖެހިފައިވާ ކަަމށް މީގެ ކުރިން އބަންކޯއިން ވަނީ ބުނެފައެވެ. އެއީ އޭރިއާ އީ ކަމުގައި ބުނާ ސަރަހައްދުން 5.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމާއި އޭރިއާ އެފްގެ ގޮތުގައި ބުނާ ސަރަހއްދުން 0.73 ހެކްޓަރު ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ
މި މަޝްރޫއަކީ އާބަންކޯ އަދި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ތިލަފުށީގެ ބިން ހިއްކާ ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އަދި މީގެ އިތުރުން މާލެ ސަރަހައްދު ތަރައްގީ ކުރުމަށް އެހީއަކަށް ވެގެންދާ އިރު، އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަހައްދުން ތިލަފުއްޓައް ބަދަލުކުރުމުން މުޖަތަމައަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.
ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާ ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކޮށް އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ހުޅުވާލާނެއެވެ. އެއާއެކު ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސޯދީ ގޮތުން އިންގިލާބީ ކުރި އެރުންތައް ލިބިގެންދާނެއެވެ.