އަންނަ އަހަރަށް ލަފާ ކުރެވޭ 49.5 ބިލިއަން ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައޮވާ ގޮތުގެ މަތިން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔތުންގ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާނެ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނު އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބަޖެޓާ ގުޅޭ ތަފްސީލުވެސް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން އެ މިނިސްޓްރީއިން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 49.5 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީއިން އިތުރަށް ބުނީ ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ ބަޔާނާއެކު މީޑިއާ އަދި އާންމު ފަރުދުންނާ ހިއްސާ ކުރާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު (6.5 ބިލިއަން ރުފިޔާ) ހުށަހެޅުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ ގަރާރު އެޖެންޑާ ނުކުރާތީ، ޖަލްސާ ފެށުމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ހުރަސްއަޅުމުން ޖަލްސާވަނީ މެދު ކަނޑާލާފައެވެ.
ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަޑައިގަންނަވަން ޖެހިވަޑައިގަތަސް މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވަން އަމީރު ނިންމެވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އޮއްވާ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ދެއްވި އިރުޝާދުގެ މަތިންނެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ނޮވެމްބަރުގެ ފުރަތަމަ ދުވަހުގެ ކުރިން ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓު ހުށަހަޅައި، ދައުރު ނިމުމުގެ ކުރިން ބަޖެޓު ފާސްކުރަން ޖެހެއެވެ. 19 ވަނަ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު ނިމޭނީ މި ފެށޭ ނޮވެމްބަރު މަސް ނިމުމުންނެވެ.