ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށެހެޅުނީ ވަރަށް ލަސްވި ފަހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރުޕޫގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުން ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ، މީގެ ކުރިންވެސް ޕާލިމަންޓްރީ ގުރުޕޫގެ އެހެން މެންބަރުންވެސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެން އެ ބޭފުޅުން އިސްނަންގަވާފައި ވެސް އެ މަސައްކަތްތައް ކުރެއްވި ކަމަށެވެ.
އަދި ނަޝީދަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހުގެ ރައީސް ކަމަށް ހޮވި ވަޑައިގެން ބޭފުޅެއް ކަމުން ވީހާވެސް އޯގާތެރި ކޮށް ކަންކަން ކުރެއްވުމަށް އިސްކަންދެއްވި ކަމަށެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ ތަކުރާރުކޮށް ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ ރިޔާސަތުގައި އަމަލު ކުރައްވާ ގޮތުގެ ސަބަބުން އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންގެ ހިތްތައް ނުތަނަވެސް ވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ކުރިން ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންގެ އެދިލެއްވުމުގެ މަތިން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުނު ނަމައީ ވަރަށް ކުރީގަ އޮންނާނީ މި މައްސަލަ ހުށަހެޅިފަ. އޭގަ [ނަޝީދުގެ އިތުބާރު ނެތް ކަމުގެ މަައްސަލަ] ލަސްތޯ ނޫންތޯ ބުނަންޏާމުން ދަންނަވާނީ މައްސަލަ ހުށަހެޅުނުލެއް ލަހޭ" އަދި މީގެ ކުރިން މައްސަލަ ހުށަހެޅުމަށްފަހު އަނބުރާ ނެންގެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ސޯލިހު ހޮވި ވަޑައިގަތުމުގެ އިތުރުން ނަޝީދުގެ މައްސަލަައިގެ ސަބަބުން މުޅި މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތުމުން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުއްވީ ރައީސް ނަޝީދާ ޒާތީ ވެގެން ނޫން ކަމަށެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލަ ނެގި ހިސާބުންވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ވަކި ކަމެއް ކުރައްވަން ބޭނުންވެއްޖެ ނަމަ އެކަމެއް ކުރައްވާ ކަން ކަމަށާއި އެގޮތުން ނިޒާމީ ވޯޓާއި ކޮމިޓީ ތަކުގެ ބައެއް ނިންމުންތައް އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަަމަށް ނިންމާ އެމްޑީޕީގެ މެންބަރުން، ރައީސް ނަޝީދު އެ މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހަޅުއްވާފައި ވާއިރު، އެ މައްސަލަަ ނުނިންމައި އިތުރު ކަމެއް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދޭނެ ކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ. އެއާއެކު މިއަދުގެ ޖަލްސާ ފެށުމަށް އަފީފް ރިޔާސަތަށް ވަޑައިގަތުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އެކަމަށް ހުރަސް އަޅުއްވާފައެވެ.
މިއަދުގެ ޖަލްސާއަށް އެމްޑީޕީ މެންބަރުން ހުރަސް އަޅުއްވާފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އޮއްވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓުގެ މައްސަލަ އެޖެންޑާ ކުރުމާ ގުޅިގެންނެވެ.