އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓު ހުށަހެޅުމަށް ތާވަލު ކޮށްފައިވާ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުގެ ފަރާތުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލު ކޮށްފައެވެ.

ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރު ވަޑައިގަންނަވަން ޖެހިވަޑައިގަތަސް މިއަދުގެ ޖަލްސާ އަށް އަމީރު ވަޑައިނުގަންނަވާނެ ކަން ހާމަކުރައްވައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު 'ދަ ޕްރެސް' އަށް ވިދާޅުވީ، އަމީރު މިއަދުގެ ޖަލްސާ އަށް ވަޑައިނުގަންނަވަން ނިންމެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އޮއްވާ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ލަފާ ދެއްވުމުން ކަމަށެވެ.

އަމީރު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ، ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމޭހާ ހިނދަކު ދައުލަތުގެ ބަޖެޓާ ގުޅުންހުރި މަސައްކަތަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަން އިއްޔެ ހާމަކުރައްވާފައެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާ މިއަދު އޮންނާނެ ކަމާ މެދު މި ވަނީ ސުވާލު އުފެދިފައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ނޮވެމްބަރުގެ ފުރަތަމަ ދުވަހުގެ ކުރިން ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓު ހުށަހަޅައި، ދައުރު ނިމުމުގެ ކުރިން ބަޖެޓު ފާސްކުރަން ޖެހެއެވެ. 19 ވަނަ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު ނިމޭނީ މި ފެށޭ ނޮވެމްބަރު މަސް ނިމުމުންނެވެ.

ހަމަ އެއާއެކު، މަޖިލީހުގެ 205 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅައިފި ނަމަ، އެހެން ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ގައެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ އެއް ބާއްވަން އެންމެ ފުރަތަމަ ތާވަލު ކުރީ މިދިޔަ އާދީއްތަ ދުވަހަށެވެ. އާދީއްތަ ދުވަހު ޖަލްސާ ބޭއްވޭ ގޮތް ނުވުމުން ދެން މަސައްކަތް ކުރީ އިއްޔެ އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ޑެންގޫ ހުން ޖެހިވަޑައިގަތުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާތީ މި ދެ ދުވަހު ސަލާމް ވިދާޅުވުމުން ޖެހުނީ ޖަލްސާތައް ކެންސަލް ކުރާށެވެ.

އެ މައްސަލައިގައި އެމްޑީޕީން އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ އިއްޔެ ބަލައިގެންފައެވެ.