އިންތިގާލީ މަރުހަލާގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ.

ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް' ތައް ކަމުން، މި މަރުހަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ އޮފީހުން ބުނެއެވެ. އަދި މި މުއާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް" ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމަކީ އިތުރަށް ކަްނބޮޑުވާ ކަމެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެ ސަބަބުން އަލަށް ފަށާ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސް އެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންތިހާބީ ރައީސް އޮފީހުން ބުނެއެވެ. މި ފަދަ މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުޙަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް، ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަަމށް އިންތިގާލީ ރައީސްގެ އޮފީހުން ބުނެއެވެ.