ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު އިންނަވަނިކޮށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ނަމަ އެ ރަސްމިއްޔާތަށް ހުރަސްއެޅާނެ ކަމަށް އެމްޑީޕީން ބުނުމުން ދާތީ، ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރި ކޮށްފިއެވެ.
ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުން ކާމިޔާބު ވެވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމަށް އެ އިންތިހާބުން ނާކިޔާބުވެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއީ ހުތުރު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުށްވެރިކޮށް ޑިމޮކްރެޓްސް އިން ވަނީ ރައްޔިތުންގެ ނިންމުމަށާއި، ގާނޫނު އަސާސީގެ ހުރުމަތަށާއި ޑިމޮކްރަސީގެ އަސާސްތަކަށް ރުޖޫއަވުމަށް އެމްޑީޕީއަށް ގޮވާލާފައެވެ.
އެމްޑީޕީން ޑރ. މުއިއްޒު ހުވާ ކުރައްވާ ދުވަހާއި މުއިއްޒުގެ ކެބިނެޓް އެކުލަވާލުމުގައި އެއްބާރުލުން ނުދޭނެ ކަމަށް މިއަދު ބުނެފައި ވަނީ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރެ އެމްޑީޕީން އިއުލާން ކުރި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 49 މެންބަރުންގެ ސޮޔާ އެކު ނަޝީދު ވަކިކުރުމަށް އަލުން ހުށަހެޅި ގަރާރާ ގުޅިގެން، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ.
އާދިއްތަ ދުވަހަށް ތާވަލް ކޮށްފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތެއް މަޖިލީހުން ނުކުރެވޭނެ ކަަމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި އެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ، އެ ވޯޓަށް ނާހައި ކުރިއަށް ގެންދާ ހުރިހާ ކަމަކީ ވެސް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންކަން ކަމަށާއި އެފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުން ވެސް އަދި އެ ސަރުކާރުގެ ކެބިނެޓް ހުށަހެޅުން ވެސް، ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދިއުމުގެ ޖާގައެއް ނުދެއްވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ނަޝިދު ރިޔާސަތުން ބޭލުމަށް އެމްޑީޕީން މީގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. މީގެ ކުރިން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ. އެހެން އޮއްވާ އެ މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނު ދުވަސްވަރުގެ ތެރޭގައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވާ އިރު، މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަކި ގޮތެއް ނުނިންމައެވެ. މި ދެ ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި ހުންނެވި ދެ ބޭފުޅުން ކަމުގައި ވިޔަސް ރިޔާސީ ޕްރައިމަރީގައި އުފެދުނު ހިޔާލުތަފާތުވުިންތަކާ އެކު އެ ދެބޭފުޅުން ވަނީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްްސް އާ ގުޅިވަޑައިގެންފައެވެ. ޑިމޮކްރެޓްސް އުފެދިފައި ވަނީ އެ ދުވަސްވަރު އެމްޑީޕީން ވަކިވި މެންބަރުން އެކުވެގެންނެވެ.
ތިޔައީ އަބަދު ރަތުގައި ތިބޭބައެއް ވެރިކަމަށް ދަންޖެހި އެކަންނުވީމައި ދެންތިބޭނީ އެހާލުގައި ހަސަންލަތީފަކީ ހަމައެކަނި ހާޖާނު ހަދަން ނަޝީދު ގެންގުޅޭ މީހެއް