ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ބައްދަލުކުރައްވައިފިއެވެ.
ފައްޔާޒާއި ނަޝީދު ބައްދަލުކުރައްވާފައި މި ވަނީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވައި، އަރިސް ބޭފުޅުންގެ ލަފައަކަށް އެދިވަޑައިގެން އެމަނިކުފާނު މެސެޖުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ކޮންމެ ގޮތަކަށް ޖަވާބުދެއްވި ނަމަވެސް، ނަޝީދާއި އެ ބޭފުޅުންގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށް ވެސް އެ މެސެޖުގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ފޮޓޮއެއް ހިއްސާކުރައްވައި، 'އެކްސް'ގައި ފައްޔާޒް ލިޔުއްވާފައިވާ ގޮތުގައި ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ.
"ރ. ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލުބަަދަލުކޮށްލެވިއްޖެ." ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އެ ޕޯސްޓާއެކު ފައްޔާޒް ހިއްސާކުރެއްވި ފޮޓޯގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ އާއި ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފްގެ އިތުރުން، ދެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުން ފޮޓޮއަކަށް ހުއްޓިގެން ތިބި މަންޒަރު ފެނެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު، އެމްޑީޕީ ދޫކުރައްވައި ވަޑައިގަތީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހުގައެވެ. އޭގެ ފަހުން އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ އެކު ޑިމޮކްރެޓްސް އުފައްދަވާފައިވެއެވެ. މިދިޔަ އޭޕްރިލް މަހު ނަޝީދު ވިދާޅުވިގޮތުގައި، އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅުމެވެ.
މި ވަގުތު އެމަނިކުފާނު ފުރުއްވަމުން ގެންދަވަނީ ކްލައިމެޓް ވެލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.