ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށް ކަމަށްބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެމްޑީޕީއާ އަލުން ގުޅެން ނިންމަވައިފިއެވެ.
އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވި ނަޝީދު އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވަނީ މިއަދު ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށް ބުނެ ގަރާރެއް ފާސްކުރުމަށް ފަހުއެވެ.
އެގޮތުން އެ ގަރާރުގައި ވަނީ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ބުނެފައެވެ. އެއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމުކުރުމަށް އޮތް އެންމެ މުހިންމު އެއް ގޮތަކީ ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންގެ ތާއީދާއެކު މި ގަރާރު ފާސްކޮށްފައިވާއިރު، ދަ ޑިމޮކްރެޓްސް ދެމިއޮންނާނެތޯ ނުވަތަ ނޫންތޯ ކުރިއަށް އޮތް ދުވަސްތަކުގައި އިނގިގެން ދާނެ ކަމަށް ގަރާރު ހުށަހެޅުއްވި އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ނަޝީދު ފާޅުކޮށްފައިވެއެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންފައި ވަނީ 2008 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ބައިވެރިވެގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދުއަށް އެ އިންތިހާބު ނާކާމިޔާބުވެފައި ވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވުނީ ޓެރަރިޒަމްގެ ކުށުގައި ރައީސް ނަޝީދު ޖަލަށްލާން ކުރި ހުކުމާގުޅިގެންނެވެ.
2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވި، އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ.