ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާމެދު އެމަނިކުފާނުގެ ބައެއް އަރިސް ފަރާތްތަކުގެ ހިޔާލު ހޯއްދެވުމަށް ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ފޮނުއްވި މެސެޖުގައި ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ ރައީސް ނަޝީދު ވަނީ އެކަމާމެދު އެބޭފުޅުންގެ ހިޔާލަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. އަދި ކޮންމެ ގޮތަކަށް ޖަވާބުދެއްވި ނަމަވެސް ރައީސް ނަޝީދުއާ އެ ބޭފުޅުންނާ އޮތް ގުޅުމަށް ބުރޫނާރާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫނު އަބްދުލްގައްޔޫމްއާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންފައި ވަނީ 2008 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ބައިވެރިވެގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދުއަށް އެ އިންތިހާބު ނާކާމިޔާބުވެފައި ވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވުނީ ޓެރަރިޒަމްގެ ކުށުގައި ރައީސް ނަޝީދު ޖަލަށްލާން ކުރި ހުކުމާގުޅިގެންނެވެ.
2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވި، އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި އެެމަނިކުފާނު އޭރު ވަކި ފެކްޝަނެއްގައި މަސައްކަތް ކުރެއްވުމަށްފަހު 'ދަ ޑިމޮކްރަޓްސް'ގެ ނަމުގައި ވަނީ ވަކި ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރަޓްސް ގުޅުން ކަމަށް ނަޝީދު ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
ވަގުތީ ގޮތުން ސިޔާސީ ދާއިރާއަށް ދުރަށްޖެހިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައި ވާއިރު، އެ މަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވަނީ ކްލައިމެޓް ވެލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމެވެ.
ތިޔަ ޚިޔާލު ދޫކޮށްލާ. ހެޔޮ ވެރިކަމެއް ކުރަން ފުރުސަތު ލިބުނީމާވެސް ފެނިގެން ދިޔައީ ޚުދުމުޚުތާރު، ދަގަނޑު ގޮށްމުށުގެ ވެރިކަމެއް، ވެރިކަން ލިބުމާއެކު ފުރަތަމައިން ވެސް ޖެއްސިގަތީ އިސްލާމްދީނާ. އެއްވެސް ޢުޒުރެއް ނެތި ޑޮލަރުގެ އަގު ބޮޑުކުރުމުގެ ސަބަބުން ހުރިހާ ބާވަތެއްގެ ތަކެތީގެ އަގުވެސް އަތްނުފޯރާ ފަށަށް އުފުލިގެން ދިޔަ.