ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ނުވިކި ހުރި ފްލެޓުތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް އާބަންކޯއިން ނިންމައިފިއެވެ.
އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް އިހްތިޔާރު ކުރާ މީހުންނާއި ފްލެޓު ދޫކޮށްލުމަށް ނިންމާ މީހުންގެ އަދަދަށް ބަލާއިރު، ވިނަރެސްގެ ފްލެޓުތަކެއް ފްލެޓް ނުވިކި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އެހެންކަމުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފްލެޓްތަކާ ގުޅުން ހުރި މަރުހަލާތައް ނިންމުމަށް ފަހު މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހްތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށާއި އަދި ބާކީވާ ފްލެޓުތައް ވިއްކަން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
އެގޮތުން ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އާބަންކޯގެ އޮންލައިން ޕޯޓަލްގައި 'ހައުސިން' ޖަހާފައިވާ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި ފޯމް ހުށަހެޅޭނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
ވިނަރެސް ޓަވަރުން ބާކީވާ ފްލެޓްތަށް ގަތުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައި ވާއިރު ދާދި ފަހުން ވަނީ އެ ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން އިންޓްރެސްޓުގެ ގޮތުގައި ނަގާ ނުވަ ޕަސެންޓު، ހަ ޕަސެންޓަށް ކުޑަކޮށްފައެވެ. އަދި މި ބަދަލު ގެނައީ ހަމައެކަނި އެ ދިގު މުއްދަތައް ބަހާލައިގެން ފްލެޓުތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ސީއެމްއީސީން އަޅަން ފެށި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި އާބަންކޯ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 20 ގަ އެވެ. ޖުމްލަ 1،344 އެޕާޓްމެންޓުގެ މައްޗަށް އެކުލެވޭ 10 ޓަވަރުގައި ހުންނަ ކޮންމެ އެޕާޓްމެންޓެއްގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 3.5 މިލިއަން ރުފިޔާ އާ ދެމެދުގައެވެ.