ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ ނުނިމި ހުރި މަސައްކަތް އަލުން ފަށައިފިއެވެ.

އާބަންކޯއިން ބުނީ ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ޕްލޮޓް D2-1a ތަރައްގީ ކުރަމުން އަންނަ ދަ ގާޑަންސްގެ ނުނިމި ބާކީހުރި މަސައްކަތް އަލުން ފަށާފައިވާ އާބަންކޯގެ ބެލުމުގެ ދަށުން ކަމަށެވެ.

ދަ ގާޑްންސްގެ ގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތްތައް ކަން އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ. ފިނިޝިން މަސައްކަތްތަކުގެ ތެރެއިން ޕްލާސްޓަރިން، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން އިތުރަށް ބުނީ ދަ ގާޑެންސް ގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ އެ އެޕާޓްމެންޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، އެކަމުގެ ސަބަބުން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެކުރިން އާބަންކޯއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ދަ ގާޑަންސްގެ ކަސްޓަމަރުންނަށް ބަދަލު ދިނުމުގައި ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށާއި ފާހަގަކޮށް އާބަންކޯއިން ވަނީ ބުނެފައެވެ.