މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައި ވާނީ މީގެ ކުރީ އަހަރުތަކުގައި ވެސް ހުށަހެޅި ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގައި މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ޝަރުތުތަށް ފުރިހަމަނުވާތީ، އެކަންކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް، މަޖިލީހުން ފިނޭންސް މިނިސްޓްރީ އަށް އިއްޔެ ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ފިނޭންސް އިން ބުނީ މިއަހަރު ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައިވެސް މީގެކުރީ އަހަރުތަކުގައި ހިމެނި ހުރިހާ މައުލޫމާތެއް ހިމަނާފައި ވާނެ ކަމަށެވެ. އެހެންކަމުން މިފަހަރު މައުލޫމާތު ހިމެނާފައި ނުވާކަމަށް ބަޔާން ކޮށްފައިވާ ސަބަބު ސާފު ނުވާކަމަށް ފައިނޭންސް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ މަޖިލީހުން އެދުނު ހުރިހާ މައުލޫމާތެއް ހިމަނައި، ސަޕްލިމަންޓްރީ ބަޖެޓު މިއަދުގެ ވަގުތެއްގައި އަލުން މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓު އިސްލާހުކުރުމަށް މަޖިލީހުން ފައިނޭންސަށް އަންގާފައިވާއިރު 'ދަ ޑިމޮކްރެޓްސް' އިން ވަނީ މި ބަޖެޓު އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެފައެވެ. މި ގޮތުން އެ ޕާޓީން ބުނީ ސަޕްލިމެންޓްރީ ބަޖެޓުގައި މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބާއި، ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުގެ ތަފްސީލް އެ ބަޖެޓުގައި ހިމަނާފައި ނުވާކަމަށެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 7 ވަނަ އިސްލާހު ގެނެސް އަމަލު ކުރަން ފަށާފައި ވާ ކަމަށާއި ޕްރޮގްރާމް ބަޖެޓެއް ހުށައަޅަން ޖެހޭނީ، އެ އިސްލާހުގެ 32 (ރ) އާ އެއްގޮތަށް ކަމަށެވެ. އަދި ކުރިން ފޮނުވީ ކުރިން އޮންނަ ތައްގަނޑަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.