ގައުމުގެ އިގްތިސާދު ބޮޑު އަޑިގަނޑަކަށް ވެއްޓި ދަރަނިވެރިވުމުގެ ކުރިން ސަރުކާރުން އަޅަން ޖެހޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ޕާޓީތަކުގެ ފަރާތުން ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިދިޔަ 16 ވަރަކަށް އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އެތައް ފަހަރެއްގެ މަތިން ވާހަކަ ދެކެވުނު ކަމަށާއި، އެކަމަކު ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރިގޮތުން މިއަދު ހިތާމަކުރައްވާ ކަމަށެވެ.
ކުރިން ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމް ވެސް ފުރުއްވި ގާސިމް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅަން ބުނި ފިޔަވަޅުތައް އަދިވެސް ނާޅާ ކަމަށާއި، ސަބަބުތައް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެން ނަމަވެސް ގެރި ފެންގަނޑަށް ވެއްޓިގެން މަރުވީމާ ދެން ނަގަން ދާނެ ކަމެއް ނެތޭ، އެހެންވީމާ މިއަދު އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެބަ އަޅުއްވަން ޖެހޭ،" ގައުމުގެ އިގްތިސާދު އެއްކޮށް ގޯހުން ގޯހަށް ދިއުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމު އިނދަޖައްސާ ނުލާ ސަލާމަތްކޮށްދޭށޭ،"
ގާސިމް ވިދާޅުވީ، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު އެހެން ބަޔަކު ނާންނާނެ ކަމަށެވެ.
ގާސިމް ވަނީ، ދައުލަތުގެ މާލީ ހާލަތު އާންމުކޮށް ބަޔާންކޮށްދިނުމަށް ސަރުކާރުގައި މާލިއްޔަތު ކޮމިޓީގެ ފަރާތުން އެދިފައިވާ ކަން ފާހަގަކުރެއްވި ނަމަވެސް ސަރުކާރުން މާލީ ހާލަތު ބަޔާންކޮށްދީފައި ނުވާ ކަން ފާހަގަކުރައްވައިފައެވެ.
އަދި މި ހާލަތަށް ރާއްޖޭގެ އިގްތިސާދު ވެއްޓުމުގައި މަޖިލީހުގެ އިހުމާލުވެސް އެބައޮތް ކަމަށާއި، ހުދު އޭނާ ވެސް ޒިންމާ ނަންގަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.