މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ޝަރުތުތަށް ފުރިހަމަނުވާތީ، އެކަންކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް، މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީއަށް ދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މީގެ ކުރިން ވެސް މަޖިލީހުގެ އިދާރާއިން އެ ތަފްސީލު ފޮނުވައި ދިނުމަށް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ފޮނުވި އިރުގައި ވެސް މާލިއްޔަތު ގާނޫނުގައި ބުނާ ހުރިހާ ތަފުސީލުތަކެއް ފޮނުވާފައިނުވާ ކަަމަށް ޒިޔާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިޔާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައި ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާލިއްޔަތު ގާނޫނުގައި ހިމެނޭ ހުރިހާ ތަފުސީލުތަކާ އެކު އަލުން އެ ބަޖެޓު މަޖިލީހަށް ހުށަހަޅަން އަންގައިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ހިމަނާފައި ނުވާތީ އެމްޑީޕީގެ މެންބަރުގެ ފާޑުކިޔުންތައް މަޖިލީހުގެ ރިޔާސަތައް އަމާޒުވެފައިވާއިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތުގެ މަތިން ނޫންކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަށް ސިޓިއެއް ފޮނުއްވާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށްކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބާއި، ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުގެ ތަފްސީލް އެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.