އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ބަޖެޓު 49 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ކަމަށް އެ މަނިކުފާނުގެ ބަޖެޓް ކޮމިޓީގެ މެންބަރު ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ

ސަންގު ޓީވީގެ “2023 ގެ ރައީސް” ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ވެރިކަން ކުރަން ދަންނަ ވެރިއަކު ވެރިކަމާ ހަވާލުވާ ހިސާބުން އުމްރާނީ ތަރައްގީ އާއެކު ރައްޔިތުން އެދޭފަދަ ތަރައްގީ ފެންނަން ފަށާނެ ކަަމަށެވެ. ޑރ. މުއިއްޒުގެ ވެރިކަމުގައި ބަޖެޓް ކަނޑައަޅާނީ ކުޑަމިންވަރެއް ކަމަށާއި، އެއީ ބައިނަލްއަގްވާމީ މިންގަޑަށް ފެތޭ މިންވަރު ކަމަށް ޣައްސާން ވިދާޅުވިއެވެ.

އެގޮތުން ދަރަނި ޑީޖީޕީ އަށް ޖެހޭ މިންވަރު ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ ގޮތުން ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ 49 ބިލިއަން ރުފިޔާ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

"ބަޖެޓް ކުޑަވި ކަމުގައި ވިޔަސް އަޅުގަނޑު ދެކޭ ގޮތުގައި މި މަސައްކަތް ކުރަން ދަންނަ ވެރިޔަކު ހަވާލުވާ ހިސާބުން، އެއީ ރައީސް މުއިއްޒު ހަވާލުވެވަޑައިގަންނަވާ ހިސާބުން، މި ބަޖެޓުގެ ތެރޭގައި ރައްޔިތުން އެކްސްޕެކްތް ކުރާ ގިނަގުނަ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި، އަދި ރައްޔިތުންނަށް ފައިދާވާ އެހެނިހެން މަސައްކަތްތައް ވެސް ކުރެވޭނެ"
ޣައްސާން މައުމޫން

ބަޖެޓްގެ މިންގަނޑު ކަނޑައަޅާފައި ވަނީ ރާއްޖޭގެ ދަރަނި، ޖީޑީޕީއަށް ޖެހޭ މިންވަރު ކުޑަ ކުރުމުގެ އަމާޒެއްގައި ކަމަށް ޣައްސާން ފާހަގަ ކުރެއްވިއެވެ. "މިހާރު [ދަރަނި] މިއޮތީ ޑަބަލް ޑިޖިޓްސްގައި، ފުދޭވަރަކަށް މަތީގައި. އެހެން ވެގެން ރޭޓިންގް ދަށްވެގެން މިއުޅެނީ،" ޣައްސާން ވިދާޅުވިއެވެ.

ހަމައެއާއެކު ރިޔާސީ ކެމްޕެެއިންގައި ޑރ. މުއިއްޒުގެ ވައުދުތަކުގެ ތެރެއިން މި ސަރުކާރުން ފައްޓާފައިވާ އެއްވެސް މަސައްކަތެއް ނުހުއްޓަމަކީ މިހާރުވެސް އެޖެންޑާގައި އޮތް ކަމެއް ކަމަށް ޣައްސާން ވިދާޅުވިއެވެ. ހަމައެއާއެކު ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 200 މިލިއަން ރުފިޔާ ހިމަނާފައި ވާނެ ކަމަށާއި އެއީ 100 ދުވަހުގެ ވައުދު ފުއްދެވުމަށް ކަމަށް ވެސް ޣައްސާން ފާހަގަ ކުރެއްވިއެވެ. އެ ސަޕްލިމްނޓްރީ ބަޖެޓަކީ ނޮވެމްބަރު މަހުގެ 17 އިން ޑިސެމްބަރު މަހުގެ 31 އަށް މިއަހަރުގެ ބަޖެޓަކުން ހަރަދު ކުރަން ޖެހޭތީ ނަގާ ސަޕްލިމަންޓަރީ ބަޖެޓެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް ޑރ. މުއިއްޒު ތައްޔާރުކޮށް ދެއްވާފައިވާ ކަން ހާމަ ކުރައްވަމުން ޣައްސާން ވިދާޅުވީ، އިންތިގާލީ ކޮމިޓީތަކުން ކުންފުނިތަކާއި އިދާރާތަކަށް ދަނީ ވަކި ހާއްސަ މައުލޫމާތުތަކެއް ހޯދަން ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް ކޮމިޓީތަކުން ދިއުމުން ގިނަ ތަންތަނުން އެއްބާރުލުން ދޭ ކަން ޣައްސާން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބައެއް ތަންތަނުން ބައެއް މައުލޫމާތު ނުދީ ހިފަހައްޓާ ކަމަށާއި މިއީ ވާނެ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރޭގައި ބަޖެޓްގެ މަސައްކަތް ކުރި އިރު، ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބުނު ކަމަށް ޣައްސާން ވިދާޅުވިއެވެ.