ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ނިންމަވައިފިއެވެ.

ނަރީޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ކަމަށާއި މިއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ކަމަށާއި ދާއިރާގެ ތަރައްގީއަށް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއެކު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑު ވާނެ،
ނަރީޝް

ނަރީޝް ވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އޭނާއަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބުކޮށްދެއްވުމަށް އެދިލައްވާފައެވެ.

ނަރީޝް މިވަގުތު ހުންނެވީ މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެންފައެވެ. ނަރީޝް އެމަގާމާ ހަވާލުވެވަޑައިގެންނެވީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިގާލީ މަރުހަލާގެ ކަންކަން ކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން މޭޔަރުގެ ޒިންމާތައް ދޫކޮށްލެއްވުމުންނެވެ.