ރ. ފުއްގިރިގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް މާލޭގެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު އެންގުމުން އަންނަ މަހަށް އެމީހުންގެ ހެކިބަސް ނަގަން އަޑުއެހުމެއް ތާވަލްކޮށްފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ.
މި މައްސަަލއިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ. އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ފޮނުވި މެއިލެއްގައި، ޔާމީންގެ ހެކީގެ ގޮތުގައި ހުށަހެޅި ނަރީޝް އާއި ޝުއާއު ހެކިބަސް ދޭން އިންކާރު ކުރައްވައި ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ބުނެފައި ވެއެވެ.
ޔާމީންގެ ފަރާތުން މި ދެ ހެކި ހުށަހެޅުއްވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތު ކުރުމަށެވެ. ނަރީޝް އާއި ޝުއާއު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް އަންގާފައި ވާތީ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޔާމީންގެ ވަކީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކިބަސް ނަގަން ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ.
އެއާއެކު ގާޒީ ވަނީ އެ ދެ ހެކިވެރިންނަށް އިތުރު ފުރުސަތެއްދީ، ހެކި ބަސް ނަގަން އަންނަ މަހަށް އަޑުއެހުމެއް ތާވަލުކުރައްވައިފަ އެވެ.
ނަރީޝް ހެކި ބަސް ނުދޭން ނިންމެވި އިރު، އޭނާ އާއި ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފައެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އާއި އަދި މި ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމުގައި ނަރީޝް ހުންނެވި އިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ނަރީޝް އާއި ޝުއާއު ހެކިބަސް ނުދޭން ނިންމާފައިވާ އިރު، މީގެކުރިން ޔާމީންގެ ފަރާތުން ހެެއްކެއްގެ ގޮތުގައި ހުށަހެޅި ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް ވެސް ވަނީ ކޯޓުގައި ހެކި ބަސް ދެއްވަން ދެކޮޅު ހައްދަވާފައެވެ.
ފުއްގިރި މައްސަލައިގައި ހެކިބަސް ދޭން ނަރީޝް ދެކޮޅު ހެއްދެވި އިރު، ވ. އާރަށުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ދެއްވި ހެކި ބަހާ މެދު ވަނީ ސުވާލު އުފެދިފައެވެ. އާރަށް ކުއްޔަށް ދޫކުރުމުން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ދައުވާގައި އެމަނިކުފާނުގެ ފަރާތުން ނެގި ދިފާއީ ހެކިންގެ ހެކިބަހުގައި ވާ ގޮތުން، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ.
އާރަށް މައްސަލަގައި ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމްގައިވާ ގޮތުން، ޔާމީންގެ ދިފާއުގައި ހެކިބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. ހެކިން ހެކިބަސް ދިން ގޮތުން އޮޅުވާލުމުގެ އިތުރުން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި، އެކަން ހާމަވެފައި ވަނީ ހެކިބަހުގައި ހުރި ފުށޫއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.