މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާދެއްވި އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓްގެ މަގާމަށް އައްޔަންކޮށްފިއެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އަދި ކައުންސިލަރުކަމުން ނަރީޝް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ.
ނަރީޝް، މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކުރީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓާއެކު ޖޫން 21، 2021 ގަ އެވެ. ނަރީޝްއާ އޭރު ވާދަކުރެއްވީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމުން ނަރީޝް އިސްތިއުފާދެއްވުމާ ގުޅިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝްއެވެ.