ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރށް ބޯޑަށް އިހްތީރާމް ކުރައްވާ ކަމަށާއި އެ މަނިކުފާނުގެ ޝަރީއަތަަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އަދި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޕީޖީ އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި ގާނޫނުގައިވާ ޒިންމާތައް އަދާކޮށް އެތަންތަނަށް މީހުން އައްޔަން ކުރި ނަމަވެސް އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. ފުއްގިރި މައްސަލައިގައި ރައީސް ޔަމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލް ކުރިކަން ވެސް އެނގިވަޑައިގަތީ ފެނިވަޑައިގެން ނޫހެއްގެ ހެޑްލައިނުން ކަމަށާއި އޭގެ ކުރިން އެ ޝަރީއަތް ތާވަލްކުރި ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ވެސް އަދި އެހެން އެއްވެސް މީހެއްގެ މައްސަލައަށް ވެސް އެމަނިކުފާނު ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީން އަކީ ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ކާމިޔާބު ކޮށް ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑު، ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ. މި ވާހަކަތައް ގަބޫލު ކުރާނެ މީހަކު ގަބޫލު ކުރާނެ ކަމަށާއި އެމަކުފާނު ވާހަކަފުޅު ދައްކަވާނީ ތެދު ބަހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލައާ ގުޅުވާފައި މުއިއްޒު މިއަދުވެސް ވަނީ ޔާމީން ޖަލަށް ލީ ސިޔާސީ ދައުވާތަކެއްގައި ކަމަށް ވިދާޅުވެ އެ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުވުމާއެކު ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތްޕުޅު ފެއްޓެވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމުގެ އެންމެ ބޮޑު އެއް ހެއްކެއްގެ ގޮތުގައި ރައީސް ޔާމީނަށް ކުރި ހުކުމް ބާތިލް ވެގެން ދިއުމަކީ ހެއްކެއްގެ ގޮތުގައި މުއިއްޒު ސިފަފުޅު ކުރެއްވިއެވެ.
ރ. ފުއްގިރިގެ މައްސަލައިގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ މާލޭގެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ނުދޭން ނިންމާފައެވެ.
މި ކަމުގައި ރައީސް މުއިއްޒުގެ ނުފޫޒެއް އެބަ އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ޝަރީއަތަށް ހުށަހަޅާ އެއްވެސް ހެއްކަކަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި އައްޔަން ކޮށްފައި ތިބި ބައެއް ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމަކަށް ކަނޑައަޅާފައި ވަނީ އެފަދަ ކަމެއް ހިތްޕުޅުގައި އޮވެގެން ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް ވަރަކަށް ޖުޑިޝަރީއަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ޒަމީރު އެއްވެސް ގޮތަކަށް އެކަން އަމަލުކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ކާކަށްތޯ އޮޅުވާލަންވީ ވިދާޅުވެ ސުވާލު އުފައްދަވަމުން ރައީސް ވިދާޅުވީ، އަޅުގަނޑުމެން ހެއްދެވި ފަރާތަށް އޮޅުވާ ނުލެއްވޭނެ ކަމަށެވެ. ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާ މީހަކު ކޮންމެ ފަދަ ހެއްކެއް ދެއްކިއަސް ގަބޫލެއް ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ. މި މައްސަލައިގައި 10 މަސް ފަހުން ކޯޓުގައި އަޑުއެހުމެއް ބާއްވާފައި މި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ޔާމީންގެ ފަރާތުން ހެކިން ހެކިބަސް ދިނުން އޮތް އިރު ނަރީޝް އާއި ޝުއާއު ހެކިބަސް ނުދޭން ނިންމުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހެކި ބަސް ދިނުން އަންނަ މަހަށް ތާވަލްކޮށްފައެވެ.