މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލަރު ކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް އިސްތިއުފާ ދެއްވިކަން ހާމަކޮށް މާލޭގެ މޭޔަރު އާދަމް އާޒިމަށް ސިޓީ ފޮނުއްވާފައިވަނީ މިއަދު އެވެ. އިސްތިއުފާގެ ސިޓީ އާއެކު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައވާ ކަމަށެވެ.
އިސްތިއުފާގެ ސިޓީގައި ވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނަރީޝް ވިދާޅުވެފައި ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ވަނީ ބޮޑު އަޣުލަބިއްޔަތަކުން އެ މަގާމު ހޯދުމަށް މަސައްކަތް ކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. "މި އިންތިހާބު އަޅުގަނޑަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ޕީޕީއެމް އަދި ޕީއެންސީ ލީޑާޝިޕްގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަކިން ހާއްސަކޮށް ރައީސް ބެހެއްޓެވި ގާތް ކަމާއި ދެއްވި އެހީތެރި ކަމަށް ނިހާޔަތަަށް ޝުކުރު ދަންނަވަން" ނަރީޝްގެ އިސްތިއުފާގެ ސިޓީގައި ވެއެވެ.
ހަމައެހެންމެ ކައުންސިލުގައި ހޭދަކުރި މުއްދަތަކީ ވަޒީފާ އާއި މަސައްކަތުގެ ދާއިރާގައި ހޭދަކުރި އުފާވެރި ދުވަސްތަކެއްކަން ފާހަގަކޮށް ނަރީޝް ވިދާޅުވީ، އެއީ އަމިއްލަ ޝަހުސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަަމަށެވެ. އަދި މާލޭގެ މެންބަރުކަމުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައެއްވާނެ ކަމަށް ވެސް ނަރީޝް ވަނީ ވިދާޅުވެފައެވެ.
ނަރީޝް، މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކުރީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓާއެކު ޖުލައި 21، 2021 ގަ އެވެ. ނަރީޝްއާ އޭރު ވާދަކުރެއްވީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ އެވެ.