"އާބަންކޯ ކޯލް ސެންޓަރު" ގެ ހިދުމަތްތައް 24 ގަޑިއިރަށް ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

އާބަންކޯއިން ބުނީ، މިއީ އެކޯޕަރޭޝަނުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް، ހިދުމަތްތައް ކުރިއެރުވުމަށް އަޅައި ފިޔަވަޅެއް ކަމަށެވެ.

އާބަންކޯ އިން އަބަދުވެސް ދަނީ އެ ކުންފުނީގެ ހިދުމަތްތައް ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެހެން ފުޅާކުރަމުންނެވެ.

އެގޮތުން އާބަންކޯއިން ވަނީ މިއަހަރު ތެރޭގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި އާބަން ސެންޓަރެއް ވެސް ހުޅުވާފައެވެ

ކަސްޓަމަރުންނަށް ހާއްސަ އޭރިއާއެއް ކުރިން ނެތުމުން، ބިލް ދެއްކުމާއި މައުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް ކަސްޓަމާ ކެއާ ސެންޓަރުން އެފަދަ ކަންކަން ހައްލުވެގެން ގޮސްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަން ސެންޓަރުގައި ކަސްޓަމަރުންނަށް ހިދުމަތްދޭން، ހަ ކައުންޓަރު ހުރެއެވެ. އަދި ވަކި ވަކި ކަސްޓަމަރުންނަށް އިތުރަށް މައުލޫމާތު ދިނުމަށް ހާއްސަ މީޓިން އޭރިއާއެއް ވެސް ހުރެއެވެ.