މެނީލާ ބޭގެ ބިން ހިއްކުމުގެ ހަރަކާތްތަކާ ދެކޮޅު މަސްވެރި މުޖުތަމައުތަކާ އެކު ވޮލަންޓިއާ ކުރަމުން ދަނިކޮށް މިދިޔަ މަހު ޖޮނީލާ ކާސްޓްރޯ އާއި ޖޭދު ތަމާނޯ ރަހީނު ކުރި އިރު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ޝައްކު ކުރީ އެ ކަމުގައި ދައުލަތުގެ ބައިވެރިވުން އޮތް ކަމަށެވެ.

ސަރުކާރުން އިންތިޒާމު ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެމީހުން ވަނީ ހަގީގަތް އާންމުންނަށް ކިޔައިދީފައެވެ.

ރަސްމީ އިދާރާތަކުން އެ ދެމީހުން ލައްވާ ދައްކަން އުޅުނީ މުޅިން ދޮގު ވާހަކައެކެވެ. އެމީހުންގެ އިރުޝާދާ އެއްގޮތަށް ދިއުމުގެ ބަދަލުގައި ކާސްޓްރޯ، 23އ، އާއި ޓަމާނޯ، 22އ، އެންމެން ހައިރާންކޮށްލީ އަސްކަރީ އޮފިސަރުން އެ މީހުން ރަހީނު ކުރީކަން އިއުލާން ކޮށްގެންނެވެ.

ކާސްޓްރޯ ބުނީ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް ހަގީގަތް އެނގުން ކަމަށެވެ.

އެ ދެ އެކްޓިވިސްޓުން ވަނީ ފާޅުގައި ވާހަކަ ދެއްކުމަށް ފަހު ގާނޫނީ ރައްކާތެރިކަމުގެ އަމުރަކަށް ހުށަހަޅާފައެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި އެ މީހުން ތުހުމަތު ކުރީ އަސްކަރިއްޔާގެ މީހުން މަޖުބޫރުން އެސްޔޫވީ އަކަށް އަރުވާ، ލޮލުގައި ފޮތިބަނދެފައި އަށް ދުވަހުގެ ތަހުގީގަށް އެ މީހުންނާ ސުވާލު ކުރި ކަމަށެވެ. ރަހީނު ކުރި މީހުންގެ ފަރާތުން މަރުގެ އިންޒާރުތަކާ ކުރިމަތިލާން ޖެހުމުން ގިނަ ފަހަރަށް އެ ދެ އަންހެނުން ރޮއެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރުވަނީ އިހުސާސް ކޮށްފައެވެ.

"އަހަރެން އުއްމީދު ކުރީ އަހަރެމެން ސަލާމަތުން މިތަނުން ނުކުމެވޭނެ ކަމަށް." ކާސްޓްރޯ ބުންޏެވެ. "އެކަމަކު އެކަން ނުވުމުގެ ފުރުސަތު އޮތް." އޭނާ އިތުރަށް ބުންޏެވެ.

ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ޓަމާނޯ އާއި ކާސްޓްރޯ ހާޒިރުވަނީ

އަސްކަރިއްޔާއިން ބުނަމުން ދިޔައީ ކާސްޓްރޯ އާއި ޓަމާނޯ އަސްކަރިއްޔާ އިން ރަހީނު ނުކުރާ ކަމަށެވެ. އަދި އެ ދެ އަންހެނުން ރަހީނު ކުރީ ކޮމިއުނިސްޓް ނިއު ޕީޕަލްސް އާމީ (އެންޕީއޭ) އިން ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ޒެކްސެސް ޓްރިނިޑާޑް ވިދާޅުވީ އެ ދެމީހުން އަމިއްލައަށް އިސްތިސްނާ ވެގެން، މުޖުތަމައު ތެރެއަށް އެނބުރި ދިއުމަށް އަސްކަރިއްޔާގެ އެހީއަށް އެދުނީ ކަމަށެވެ.

މީޑިއާއާ ވާހަކަ ދެއްކި ކާސްޓްރޯ އާއި ޓަމާނޯގެ ވާހަކަތަކުން ފިލިޕީންސްގައި އެކްޓިވިސްޓުން ރަހީނުކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެ ފައެވެ.

2022 ވަނަ އަހަރުގެ ޖޫން މަހު ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 18 ކޮމިއުނިޓީ އޯގަނައިޒަރުންނާއި އެކްޓިވިސްޓުން ވަނީ ރަހީނު ކޮށްފައެވެ. ޓަމާނޯ އާއި ކާސްޓްރޯގެ ގާނޫނީ ވަކީލު ޑިނޯ ޑި ލިއޯން ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް މިފަދަ އަނިޔާ ލިބޭ މީހުން ހަގީގަތާ ދެކޮޅަށް ވާހަކަ ދައްކަން ދައުލަތުން މަޖުބޫރު ކުރަނީއެވެ.

ސަރުކާރާ ދެކޮޅަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހަނގުރާމަ ކުރަމުން އަންނަ އެންޕީއޭއާ ގުޅިފައިވާ ބަގާވާތްތެރިންގެ ގޮތުގައި ޓެގު އަޅުވާ ގިނަ އެކްޓިވިސްޓުން އަމިއްލައަށް އިސްތިއުފާ ދޭން ޕްރެޝަރު ކުރެއެވެ. ދައުލަތުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ބަސް ބުނުމުގެ ހިތްވަރެއް ގިނަ ބަޔަކަށް ނުލިބެ އެވެ.

“ހަގީގަތުގައި ވެސް ވަރަށް ހާސްވި އަހަރެމެންނަށް އިނގޭ ކުރަން އުޅުނު ކަމަކީ އާންމުކޮށް އެހެން މީހުން ނުކުރާ ކަމެއް ކަން." ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އިހުސާސްތައް ހުރި ގޮތް ޓަމާނޯ ކިޔައިދިނެވެ.

އެ މީހުން ގެއްލުމުގެ ކުރިން އެކްޓިވިސްޓުން ތިބީ މެނީލާއާ ގާތްގަނޑަކަށް ތިން ގަޑިއިރު ދުރުގައި އޮންނަ ބަޓާންގައި ހުންނަ އޭކޭއޭޕީ ކާ މެނީލާ ބޭގައި މުޒާހަރާ ކުރުމަށެވެ. މެނީލާ ބޭގެ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ޗައިނާގެ އިންވެސްޓަރުންގެ ބައިވެރިވުމާ މެދު ކަންބޮޑުވުން އުފެދިފައިވާތީ އެ ޖަމާއަތުން އެކަމާ ދެކޮޅު ހަދައެވެ.

މާކޯސް މިދިޔަ އޮގަސްޓް މަހު ވިދާޅުވީ ތިމާވެށި އިތުރަށް ދިރާސާ ކުރެވެންދެން ބިން ހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލާނެ ކަމަށެވެ. ނަމަވެސް އުޅަނދުފަހަރުތަކުން އެ މަސައްކަތް މެދުކަނޑާލާފައެއް ނުވެއެވެ.

ވެރިރަށް މެނީލާގެ ތިމާވެށީގެ ޖަމިއްޔާ އެއް ކަމަށްވާ ކަލިކާސަން ޕީއެންއީގެ އެޑްވޮކޭސީ އޮފިސަރެއް ކަމަށްވާ އަލްޑްރީން ސިލަންގާ ބުނީ ވެރިރަށުން ބޭރުގައި އޮންނަ ބަޓާނަކީ ބިން ހިއްކުމާ ގުޅޭ އިތުބާރު ހުރި ޑޭޓާތައް އެއްކުރެވިފައިވާ ސަރަހައްދެއް ނޫން ކަމަށެވެ.

ބަޓާނަށް ދިޔުމަށްފަހު ކާސްޓްރޯ އާއި ޓަމާނޯ ބުނީ ކޮރޯނާވައިރަހުގެ ލޮކްޑައުންގެ ތެރޭގައި ކައިރީގައި އޮންނަ މުޖުތަމައުތަކަށް ނޭނގި ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މަޝްރޫއެއް ހިންގުމަށް އެ ސަރަހައްދުގެ ރައްޔިތުން ދެކޮޅު ހެދުމުން، ސަރުކާރުން އެމީހުންނަށް ބަދަލުގައި ފައިސާ ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ ފައިސާއަށް ރައްޔިތުން ދެކޮޅު ހެދުމުން އެ އަވަށް ސުންނާފަތި ކޮށްލާ، ރައްޔިތުން އެތަން ދޫކޮށް ދިޔުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

ކާސްޓްރޯގެ މަންމަ ރޮޒަލީ ގެއަށް އަސްކަރީ އޮފިސަރުންތަކެއް ޒިޔާރަތްކޮށް، އޭނާގެ އަންހެން ދަރިފުޅާ ބެހޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ.

އެތައް ހާސް ހެކްޓަރު ހިމެނޭ މި ބިން ހިއްކުން ހުއްޓުވަން ތިމާވެށީގެ އެކްޓިވިސްޓުން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ

މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ކާސްޓްރޯ އާއި ޓަމާނޯ ބަސް ސްޓޮޕަކަށް ހިނގާފައި ދަނިކޮށް މާސްކު އަޅައިގެން ހަތިޔާރު އެޅި ބަޔަކު އެ މީހުން ގަދަކަމުން އެސްޔޫވީ އަކަށް އަރުވައިގެން ވަނީ ރަހީނު ކޮށްފައެވެ.

އެންމެ ފުރަތަމަ އެ ދެމީހުން ރަހީނު ކުރީ ކޮން ބައެއް ކަމެއް ނޭނގެއެވެ. އެކަމަކު އެކަކަށް ކާސްޓްރޯގެ ނަން އެނގުމުންނާއި، އޭނާގެ މަންމަ އޭނާ ހޯދަން އުޅޭ ކަން އެނގުމުން އަސްކަރިއްޔާއާ މެދު ޝައްކު އުފެދުނެވެ.

ރަހީނު ކުރުމަށްފަހު ދެ އަންހެނުންނާ ސުވާލުކުރީ ވަކި ދެ ކޮޓަރިތަކެއްގައި ކަމަށާއި ޖިސްމާނީ އަނިޔާގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީ، ބަގާވާތުގެ ތުހުމަތުގައި ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ކޯޓަށް ހުށަހެޅި ފައިލިންގައި ވެ އެވެ. އެކަކު ޓަމާނޯއާ ދިމާލަށް ބުންޏެވެ. "ކަލޭ ވާހަކަ ނުދައްކާނަމަ ކަލޭގެ ދޫ ބުރިކޮށްލާނަން." އޭނާ ބުންޏެވެ.

"އަހަރެން ހީކުރީ އެރޭ އެމީހުން އަހަރެން ގަޔަށް ބަޑި ޖަހާ މަރާލާނެ ކަމަށް." ކާސްޓްރޯ ބުންޏެވެ. "އަހަރެމެންގެ ލޮލުގައި ވަނީ ފޮތި ބަނދެފައި. ދެ އަތް އޮތީ އައްސާފައި. އަހަރެން ހަމަ އިންތިޒާރު ކުރަމުން ދިޔައީ ބަޑީގެ ހަމަލާއެއް ދޭނެ އިރަކަށް." އިތުރަށް އޭނާ ބުންޏެވެ.

އެ ދެ މީހުން ވަކި ދެ ކޮޓަރިއެއްގައި ބަހައްޓާފައިވީ އިރު، ކޮންމެ ކޮޓަރިއެއްގައި ފަސް ހަ އޮފިސަރުން މެދުކެނޑުމެއް ނެތި ސުވާލުކުރަމުން ދިޔަ ކަމަށް ކޯޓަށް ހުށަހެޅި ފައިލިންގައި ވެއެވެ. ތިން ވަނަ ދުވަހު ކާސްޓްރޯއަށް ވަނީ 70 ވަނަ އިންފެންޓްރީ ބެޓަލިއަންގެ ސްޓޭމްޕް ޖަހާފައިވާ ފޯމެއް ދީފައެވެ.

ރަހީނު ކުރި މީހުންގެ ތެރެއިން އެކަކު ކާސްޓްރޯއަށް މިލިޓަރީ އެކަޑަމީން ދަސްވެނިވުމުގެ ފޮޓޯ ދެއްކިއިރު، އަނެއް މީހަކު ވަނީ ހަނގުރާމަވެރިންނާ އެކު ހިނގި ކުރިމަތިލުމެއްގެ ވީޑިއޯއެއް ދައްކާފައެވެ. "ހަގީގަތް ވަރަށް ސާފުވެގެން ދިޔަ އެމީހުންނަކީ ހަމަ އަސްކަރިއްޔާގެ މީހުން ކަން."

ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އަސްކަރިއްޔާއިން ވަނީ ކާސްޓްރޯ އާއި ޓަމާނޯ އަމިއްލައަށް އަސްކަރިއްޔާގެ ހިމާޔަތަށް އެދި އައިކަން އިއުލާނު ކޮށްފައެވެ. އަދި ކޮމިއުނިސްޓް ހަނގުރާމަވެރިން އެމީހުން ރަހީނުކުރީ އެންޕީއޭގެ ފްރަންޓް އޯގަނައިޒޭޝަންތަކާ ގުޅުން ހުރި ކަމަށް ބުނާ އޭކޭއޭޕީ ކާގައި މަސައްކަތް ކުރުމުން ކަމަށް ވަނީ ބުނެފައެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ޓްރިނިޑާޑް ވިދާޅުވީ އެ ބަޔާންތައް ދީފައިވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެއީ މަޖުބޫރުކޮށްގެން ދީފައިވާ ބަޔާންތަކެއް ނޫންކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެމީހުން ނިންމީ ހަގީގަތަށް ވާހަކަ ދެއްކުމަށެވެ.

"މިކަމަށް ފަހު އަހަރެމެންނަށް ވާނެ ގޮތެއް ނޭނގޭ. ހަގީގަތް ބުނެދެވެން އޮތް ހަމައެކަނި ފުރުސަތަކީ އެއީކަން އަހަރެމެންނަށް ގަބޫލުކުރެވުނު" ޓަމާނޯ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ސަރަހައްދުގެ ބޭރުގައި އެ ދެ އަންހެނުން ދޫކޮށްލުމަށް ގޮވާލައި ސަޕޯޓަރުން މުޒާހަރާކުރަނީ

ކާސްޓްރޯ އާއި ޓަމާނޯގެ މައްޗަށް ފިލިޕީންސްގެ އަސްކަރިއްޔާއިން އުފުލާފައިވާ ދޮގު ހެކި ބަސް ނެގުމުގެ ދައުވާމިހާރު އުފުލާފައިވާއިރު، އެ ދައުވާގެ ދަށުން 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޑިފެންސް ސެކްރެޓަރީ ގިލްބަޓް ޓިއޯޑޯރޯ ވަނީ އެ ދެ އަންހެނުންނަކީ ދޮގު ބައެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

"އަސްކަރިއްޔާއިން ޖިނާއީ ދައުވާ ކުރީ އެ މީހުންނަށް ފިލާވަޅެއް ދަސްކޮށްދޭން ބޭނުންވާތީ. އެ މީހުންނަށް އަސްކަރިއްޔާއަށް ބޭނުންހާ ގޮތެއް ނުހެދޭނެކަން ދައްކަން." ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ޓްރިނިޑާޑް ވިދާޅުވީ އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ކޯޓު މަރުހަލާތަކާއި ތަހުގީގުތަކަށް އަސްކަރިއްޔާއިން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ރަހީނުކޮށްފައިވާ މީހުންގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ގޮވާލުންތައް ދޮގުކޮށް ބޭރުގެ އެންޖީއޯތަކުގެ ބައިވެރިވުމަކީ "އަޅުގަނޑުމެންގެ ޝަރުއީ ނިޒާމަށް ކުރިމަތިވާނެ އަނިޔާއެއް" ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސެންޓްރަލް މިންޑޯރޯ ސަރަހައްދުގައި އިންސާނީ ހައްގުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރާ ތިން އެކްޓިވިސްޓުން ރަހީނުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ފިލިޕީންސްގެ އަސްކަރިއްޔާއިން ބުނީ އެމީހުން ހައްޔަރުކުރީ ގާނޫނުގެ ތެރެއިން ކަމަށެވެ.

ޖަލަށްލާފައިވާ ސެނެޓަރު ލީލާ ޑި ލީމާ ވެސް ތަމްސީލު ކުރައްވާ ޑި ލިއޯން ވިދާޅުވީ އިންސާނީ ހައްގުތަކަށް އިސްލާހު ގެނައުމަށް ފިލިޕީންސްގެ އަސްކަރިއްޔާއަށް ޕްރެޝަރު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ބައިވެރިވާން ޖެހޭ ކަމަށެވެ. އެމެރިކާއަކީ ފިލިޕީންސްގެ ދިފާއީ މުހިންމު ބައިވެރިއެއް ކަމަށް ވާއިރު، ދާދި ފަހުން ވަނީ އެ ގައުމުގެ ސިފައިންނާ އެކު ދެ ހަފުތާގެ އަސްކަރީ ތަމްރީނުތަކެއް ނިންމާލާފައެވެ.

"ފިލިޕީންސްގައި މިކަހަލަ ކަންކަން ބަލާ ބެލެންސް ކުރެވޭނެ ފަދަ ހަރުދަނާ މުއައްސަސާއެއް ނެތް." ޑި ލިއޯން ވިދާޅުވިއެވެ.

ކާސްޓްރޯ އާއި ޓަމާނޯ ބޭނުންވަނީ އެނބުރި ބަޓާނަށް ގޮސް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދަން ނަމަވެސް އެއީ ރައްކާތެރި ކަމެއް ނޫން ކަމާ މެދު އެ މީހުން ކަންބޮޑުވެއެވެ. އެހެންނަމަވެސް، އެމީހުންގެ ހިތްދަތިކަމުގެ ސަބަބުން އެމީހުންގެ އަޒުމް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

"އެކަމުގެ ސަބަބުން އަހަންނަށް އިހުސާސް ކުރެވުނީ އަހަރެމެން މިކުރާ މަސައްކަތަކީ ރަނގަޅު ކަމެއްކަން." ކާސްޓްރޯ ބުންޏެވެ.