ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުލުހުން މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް ބަލަހައްޓަމުން ގެންދާނެކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ. އ

ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.