މިއީ ހޮލީވްޑްގެ ފިލްމެއް ނޫނެވެ. ނުވަތަ އާންމުކޮށް ދިވެހިން ބަލާ ހިންދީ ފިލްމެއްވެސް ނޫނެވެ. އުމުރުން 28 އަހަރުގެ ހުލޫދު ހާލިދު އެއިނީ މާދަމާވެސް ވިހަން ތައްޔާރުވެފައެވެ. ނަމަވެސް އޭނާ އަށް ޔަގީންކަން ނެތީ އެ ދަރިފުޅަށް ލޯހުޅުވާލުމުގެ ނަސީބު ލިބިދާނެ ކަމާމެދުއެވެ.

މިހާރު ބަނޑަށް ނުވަމަސް ފުރި ވިހަން ތައްޔާރުވެފައި އިން ހުލޫދު އަށް ހޭލެވުނީ ކުޑަ ދަރިފުޅާއެކު ނިދާފައި އޮއްވާ ޖެހިގެން ހުރި އިމާރާތަށް އިޒްރޭލުން ވައްޓާލި ބޮމާއެކުގައެވެ. ސިއްސައިގެން ގޮސް ހޭލެވުނު އިރު އޭނާ އޮތް ކޮޓަރިއަސް ދުންގަނޑު ވަދެ ފުރިއްޖެއެވެ. ރަނގަޅަށް ނޭވާ ނުލެވި އުޅެނިކޮށް ވޭންވަރު އަރައިގަތެވެ. ހީވީ ދެންމެ ދެންމެ ވިހާފާނެހެނެވެ.

ހުލޫދު ބުނީ, ދެން އަވަސްވެވަތީ ކައިރީގައި އޮތް ކުޑަ ދަރިފުޅާއެކު ގެ ދޫކޮށް ދާން ކަމަށެވެ. އެ ހުރިގޮތަށް ނިކުމެގެން ދިޔަ އިރު އިޒްރޭލުގެ ހަމަލާތަކުގައި ފުނޑުފުނޑުވެ ވެއްޓެމުން ދިޔަ އިމާރާތްތައް ފެނުނެވެ. ބަނޑުގައި އޮތް ނުއުފަންނަ ދަރިފުޅާއެކު ކައިރީގައި ހުރި ކުޑަ ދަރިފުޅުގެ އަތުގައި ހިފައިގެން ބާރުބާރަށް ދިޔަ ކަމަށާއި މާ ދުރު ނޫން ހިސާބެއްގައި ގޮތް ހުސްވެފައި ތިބި ރެފިއުޖީން ތިއްބާ ފެނުނު ކަމަށްވެސް ބުންޏެވެ. އޭރުވެސް އިޒްރޭލުގެ ޖެޓް ތަކުން ދިޔައީ ބޮން އަޅަމުން ކަމަށާއި, ބޭއިހުތިޔާރުގައި ކުޑަ ދަރިފުޅު ގައިގާ ބައްދައި ގަތީ, މަރުވަންޏާ މަރުވާނީ ދެމައިން އެކުގައި ކަމަށް ބުނެއެވެ.

އެތައް ވަގުތެއް އެ ބިރުވެރިކަމުގެ ތެރޭގައި ކަޑައްތު ކޮށް ދެކުނު ބިތުގައި އޮންނަ ހާން ޔޫނިސް އަށް ދެވުނު ކަމަށާއި އެތަނުގައި ވެސް ހަމަޖެހުމެއް ނެތް ކަމަށް ހުލޫދު ބުންޏެވެ. އުނުގައި އޮތް އަންނައުނާއެކު ހަފްތާއެއް ވާން ދާ އިރު, ކާން އަތުގައި އޮތީ ހިކި ހަރުދަނޑި އަރާފައި އޮތް ޕާން ފޮއްޗެއް ކަމަށާއި ބޯނެ ފެންތިކެއް ވެސް ނެތް ކަމަށް ބުންޏެވެ.

ޔަހޫދީ އިޒްރޭލުން ވަނީ މުޅި ގާޒާގެ ފެނާއި, ކާބޯތަކެއްޗާއި ކަރަންޓު ކަނޑާލައި ބޭސް އެތެރެ ކުރުރުން ހުއްޓުވާފައެވެ.

ކަނު އަނދިރީގައި ހުލޫދުގެ ދެމައިން ތިބި އިރު ވިހަން ބަނޑުގައި ވޭން އެޅިޔަސް ދާނެ ވަކި ތަނެއްވެސް ނެތެވެ. ހޮސްޕިޓަލްތަކުގެ އިންޖީނުތައް ހުއްޓީ ފަރުވާއެއް ދެވޭނެ ގޮތެއް ނެތެވެ.

އދ ގެ ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) އިން ބުނާގޮތުގައި ކުރިއަށް އޮތް ދެތިން މަސްތެރޭގައި ވިހަން ތައްޔާރުވެފައި ތިބި 50,000 މީހުން ގާޒާގައ އެބަތިއްބެއެވެ. އޭގެ ތެރެއިން 10 ޕަސެންޓް މީހުން އަންނަ މަހުގެ ތެރޭގައި ވިހާނެ އިރު މިމަހު ވިހާނެ ކަމަށް ބެލެވޭ 5,500 މީހުން އެބަތިއްބެއެވެ.

އެއިދާރާއިން ބުނީ އެފަދަ އަންހެނުން ތަހަންމަލް ކުރަމުން އެދަނީ ދެބިރުވެރިކަމެއް ކަމަށާއި ބިރުވެރި ހަފްތާއެއް ކަމަށެވެ.

ގާޒާގެ ރައްޔިތުންނަށް އިޒްރޭލުގެ އުދުވާނަކީ އާ ކަމަކަށް ނުވިޔަސް މިފަހަރު ތަހަންމަލް ކުރަން ޖެހިފައިވާ ބިރުވެރިކަން ތަފާތެކެވެ. މީގެ ކުރިން ބޮން އެޅިޔަސް އަދި މިސައިލް ހަމަލާ ދިނަސް އެކަން ކުރަނީ ދުވަހުގެ ބައެއް ވަގުތުތަކުގައެވެ. މިފަހަރު ރެއެއް ދުވާލެއް ނުބަލައެވެ. ހުއްޓުމެއް ނެތެވެ. ފުލުފުލުގައި ބޮން އަޅާ މިސައިލް ހަމަލާތައް ދީ ލޯ ކުރިމަތީގައި އިމާރާތްތައް ބިމާ ހަމަކުރަމުން ދަނީއެވެ. މިސައިލް އަންނަ ނާންނަ ދިމާލެއް ނޭނގެއެވެ. ވަށައިގެން އިވެމުން ދަނީ އެއްޗެހި ގޮވާ ބާރު އަޑުފައްގަނޑާއި ވޫޝް ލައިފައި ބޯމަތިން މިސައިލްތައް ދާ އަޑުފައްގަނޑެވެ.

މިހާރު ކުރިއަށް ދާ ހަމަލާތައް ފަށަމުން އިޒްރޭލުން ބުނެފައި ވަނީ މިއީ ހަމާސް އެއްކޮށް ފުހެލާނެ ފަހަރު ކަމަށާއި ބަދަލުހިފުން ވަރުގަދަ ވާނެ ކަމަށެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 7 އިން 12 އަ ދެމެދު އިޒްރޭލުން ވަނީ ގާޒާއަށް 6000 ބޮން އަޅާފައެވެ. މިއީ 2014 ގައި އިޒްރޭލާއި ގާޒާގެ ހަމާސް އަ ދެމެދު ކުރި 50 ދުވަހުގެ ހަނގުރާމައިގައި ވެސް އަޅާފައި ނުވާހަ ގިނަ ބޮމެވެ.

ހަމާސް ނައްތަލުމުގެ ނަމުގައި އެންމެންގެ މައްޗަށް ގެންނަ ކޯފާއެއް ފަދައިން އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މީގެ ކުރިއާ ހިލާފަށް ގާޒާ ވަށާ ބައްދާލައި ހުރިހާ ހިދުމަތެއް ވެސް ކަނޑާލާފައެވެ.

ނަރްދީން އާއި އޭނާގެ ފިރިމީހާ ކުރިން ނެގި ސެލްފީއެއް / ފޮޓޯ: ސީއެންއެން

މިފަދަ ދެވަނަ މީހަކީ ހަމަ ބަނޑަށް 9 މަހުގެ ނަރްދީން ފާރިސް އެވެ. އުމުރުން 27 އަހަރުގެ ނަރްދީން ބަލިވެ އިނީ ފުރަތަމަ ދަރިފުޅަށެވެ. އުތުރު ގާޒާއިން ނިކުތުމަށް އިޒްރޭލުން ދިން އިންޒާރާއެކު ނަރްދީން ވަނީ އޭނާގެ ފިރިމީހާއާ އެކު ހާން ޔޫނިސް އަށް ގޮސްފައެވެ. ދުއްވާ އެއްޗެއްގައި 40 މިނެޓް ނުވަތަ 16 މޭލުގެ ރާސްތާއެއް ކަޑައްތު ކޮށް ނަރްދީން ހާން ޔޫނިސް އަށް ދިޔަ ނަމަވެސް އެތާނގައި ތަހަންމަލް ކުރަމުން ދާ ވޭނާއި ބިރުވެރިކަން ކުޑައެއް ނޫނެވެ. އޭނާ ބުނީ އޭނާ ފަދަ މާބަނޑު އިތުރު 6 މީހަކާއި ޖުމްލަ 80 މީހުން ތިބީ ޝެއާ ކުރާ 6 ކޮޓަރީގައި ކަމަށެވެ.

އޭނާ ބުނީ, ވާނެ ގޮތެއްގެ ބޮރުވެރިކަމުގައި އިން އިރު ހިތައް އަރަމުން ދަނީ "ބޮން އަޅާނެ ބާ, ނާޅާނެ ބާ" ކަމަށެވެ.

ހަނގުރާމައިގެ ކުރިން 400,000 އެއްހާ މީހުން ދިރިއުޅޭ ހާން ޔޫނިސްގައި މިހާރު ގާޒާގެ އުތުރުން ފޭބި 500,000 މީހުންނާއެކު ޖުމްލަ 900,000 އެއްހާ މީހުން އެބަތިއްބެވެ.

ހަބަރުތައް ބުނާގޮތުން އިޒްރޭލުގެ ހަމަލާތަކުގައި އާއިލާތައް ހުރިގޮތަށް ޝަހީދުވަމުން ދާ އިރު, މިހާތަނަށް 50 އާއިލާއެއްގެ ހުރިހާ މެންބަރުން އެއްކޮށް ވަނީ ޝަހީދުވެ ގޮސްފައެވެ. އޭގެ ތެރެއިން ބައެއް އާއިލާތަކަކީ 10 މެންބަރުން, 7 މެންބަރުން އަދި އެންމެ މަދުން ތިބި އާއިލާތަކުގައި ވެސް 5 މެންބަރުން ހިމެނޭ އާއިލާތަކެވެ.

އެފަދަ އަނެއް އަންހެނަކީ މިހާރު ބަނޑަށް 7 މަސް ވެފައި ވާ މޮނާ އަޝޯރެވެ. އޭނާ އިނީ އަދިވެސް ގާޒާގެ އުތުރުގައެވެ. އާއިލާގެ ތަނަވަސްކަން ނެތުމާއެކު ގެއިން ނިކުމެގެން ގާޒާގެ ދެކުނަށް ދެވޭނެ ފަދައެއް ނެތިގެންނެވެ.

ދެ އަންހެން ކުދިންގެ މަންމަ ބުނީ, ކާނެ އެއްޗެއް, ބޯނެ ފެންފޮދެއް ނުލިބި އިންނަން ޖެހިފައި ވުމުން ބަނޑުގައި އޮތް ދަރިފުޅަށާއި މައިމީހާއަށް ކުރާނެ ނޭދެވޭ އަސަރު އިނގޭ ކަމަށާއި އެހެން ނަމަވެސް އެއީ މިވަގުތަށް މިންވަރުގައި ހުރި ގޮތް ކަމަށެވެ.

މިފަދަ ކިތަންމެ މަޔެއްގެ ވާހަކަ މިހެން ލިޔެވިދާނެއެވެ. އެމީހުން ތަހަންމަލް ކުރަމުން ދާ ބިރުވެރި ވަގުތާއި ހާލަތާއި އުފުލަމުން ދާ ބުރައާއި އަޅާ ވޭން ލިޔެލައި ފޮޅުވަތަކުން ބުނެއެއް ނުދެވޭނެއެވެ.

ޔަހޫދީ އިޒްރޭލުގެ ރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނެތް ވަކިތަކުގެ ތެރޭގައި ބަނދެވި الله އާ ވަކީލު ކުރުން ނޫން ގޮތެއް އެ މައިންނަކަށް ނެތެވެ. ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ނުއުފަންނަ ދަރީންނާއި މައިންނަށް ބޭނުންވާ ދުޅަހެޔޮ ކާނާ ލިބޭނެ ދުވަހެއް ނޭނގެއެވެ. އޮތީ ކުރެވޭ އުއްމީދެކެވެ.