ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭ އެއްކޮށް ހިއްކައި ނިންމުމަށްފަހު ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފެށައިފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރުގެ ބިން ކަމަށެވެ.

ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެ ސަރަހައްދުގައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެންގެމަށް އާބަންކޯއިން ވަނީ އެދިފައެވެ.

އާބަންކޯއިން އެދިފައި ވަނީ ފޭސް 3 ގެ ސައިޓް ބީގެ ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް/ ފޮޓޯ: އާބަންކޯ

އާބަންކޯއިން އިތުރަށް ބުނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.