ކަނޑުމަތިން މިއަދު ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާއިން ރޭ މޫދަށް ފުންމާލި މީހާގެ ހަށިގަނޑުކަން ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެއީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ މަރުވެފައި އޮތް މީހަކު ފުނަދޫ އާއި ދޫނިދޫ އާއި ދޭތެރޭ ކަނޑު މަތިން ފެނިފައި ވާ ކަމަށެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރޭ 19:54 ހާއިރު ލިބިގެން ހަރަކާތްތެރި ވަމުން ދިޔަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެއާއެކު އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަ މީޓަރުގެ ސަރަހައްދެއް ބެލި ކަމަށްވެސް ބުނެފައި ވެއެވެ.

މިއަދު ހެނދުނު 9 ޖަހާ ހާއިރު ހަށިގަނޑެއް ފެނިގެން ފުލުހަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައި ވާ އިރު އެމީހާ ފެނިގެން ރިޕޯޓް ކުރީ ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީ ފެރީގެ ފަޅުވެރިން ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އެއާއެކު ސީންގައި އެމްއެންޑީއެފް އިން ވެސް ހަރަކާތްތެރިވި ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު އެ މީހާގެ ހަށިގަނޑު ނަގާ ވަނީ މާލެ ގެނެސްފައެވެ.