ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކުރިގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވަނީ ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތު ލިބުމާއެކު، 2026 ނޮވެމްބަރ 25 ވަނަ ދުވަހުގެ ރޭ 22:50 އެހައިކަންހާއިރު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

ފުލުހުން އެ ސަރަޙައްދަށް ގޮސް، އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު ދެ ބަޔޮނެޓް ވެސް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ ސަރަހައްދުން ފެނުނު މީހާ ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު، ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.