ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަނެއްކާވެސް އަތުލައިގެންފިއެވެ.
ކަސްޓަމްސުން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެއީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.
ފާސްކުރި އެ ޕެކޭޖުގެ ތެރެއިން ފެނުނު ތަކެތި ތަހުލީލުކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ކަސްޓަމްސުން މައުލޫމާތު ދެއެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.6 ކިލޯ ހުއްޓެވެ.
ދާދި ފަހުންވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ކެނަބިސް ވަނީ އަތުލައިގެންފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު 1.03 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު ސެޕްޓެމްބަރު މަހު ޕެކޭޖުތަކެއްގައި ރައްކާކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ ކެނަބިސްވެސް އަތުލައިގެންފައި ވެއެވެ.
މީގެ އިތުރުން ފާއިތުވި އޮގަސްޓް މަހުވެސް ރާއްޖެއައި އިންޑިއާގެ މީހެއްގެ އަތުން 2 ކިލޯގެ ކެނަބިސް އަތުލައިގެންފައި ވެއެވެ. އަދި ހަމަ އެ މަހުގެ މަހުގެ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.
