ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރު ވިލިމާލެ ހޮސްޕިޓަލުންކަމަށެވެ.
ފުލުހުން ބުނީ އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ އަމިއްލައަށް ވިލިމާލެ ހޮސްޕިޓަލަށް ގުޅާ، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގިފައިވާކަމަށާއި އަދި އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައިކަމަށެވެ.
އަދި މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީ ވެސް ފިރިހެން ކުދިންކަމަށާއި، ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
